ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓް ނެގުމަށް ކުރަމުންދާ މަސައްކަތް ފެއިލްވި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހު ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް ނެގި ވޯޓަށް ފަހު މަޖިލީހުގެ ކުރިމަތީގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ ވޯޓަކަށް ގޮސްފިނަމަ ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މިހާރު އެގެނައި އިސްލާހު އަޅުގަނޑުމެންނަށް ޖެހޭނީ އެ އޮތްގޮތަށް...އުސޫލެއްގެ ގޮތުން އަމަލު ކުރަން..އެއީ 42 މެމްބަރުންގެ ސޮޔާއެކު ދެން މަޖިލީހުގެ ތެރެއަށް މައްސަލައެއް ވެއްދޭނީ ހުށަހެޅޭނީ.ދެން އަޅުގަނޑުމެން ކާމިޔާބު ކުރާ ކަމަށް ވަންޏާ މެޖޯރިޓީއާ އެކީގަ ދެން ވަންނާނީ ފެންނަ ގޮތަށް،" މަޖިލީހުގައި އެންމެ ދުވަސްވީ އެއް މެމްބަރު ވިދާޅުވިއެވެ.
އާއްމު ކޮމެޓީން ނިންމާފައިވާ ގޮތަށް ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގައި ވޯޓަށް އެހުމުން އެގޮތަށް ފާސްކޮށްފައި ވަނީ 46 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު ފަރާތްތަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.
ޖުމްލަ 31 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު މެމްބަރުން ގުޅިގެން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އާއި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް ގަވައިދަށް ގެނައި ބަދަލަށް އެގޮތަށް ފާސްވި ވަގުތުންފެށިގެން އަނަލުކުރަން ނިންމާފައިވާކަމަށް ރިޔާސަތުން އިއުލާނުކުރިއެވެ. އަދި އެ ވަގުތުން ފެށިގެން އިތުބާރު ނެތްކަމުގެ އެއްވެސް މައްސަލައެއް މަޖިލީހުގައި ނެތް ކަމަށް ވެސް މަސީހު ވަނީ އިއުލާން ކުރައްވާފަ އެވެ.
ގުޅިފައިވާ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ދިއްގަރު ދާއިރާގެ ފާރިސް މައުމޫން ވިދާޅުވީ ގަވައިދަށް އިސްލާހު ގެނެސް ސަރުކާރުން އެ މަޖުބޫރު ކުރެއްވީ ސަރުކާރާ ދެކޮޅަށް ވޯޓް ލައްވަން ތިއްބެވި މެމްބަރުންގެ އަދަދު ހާމަކުރެއްވުމަށް ކަމަށެވެ.
"ހަގީގަތުގަ ސަރުކާރަކަށް ނޭނގޭ މަޖިލީހުގެ ރައީސް ނޫނީ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މެމްބަރުން ވޯޓްދެއްވަން ތިއްބެވި ގޮތެއް، މިހާރު މި ލާޒިމްކުރެއްވީ ދެހަފްތާ ނޫނީ އެއް ހަފްތާ ކުރިން ހާމަކުރަން،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް އަނބުރާލަން ވަގުތުކޮޅެއް ނަގާނެ ކަމަށާއި އެ މަސައްކަތަށް ނުކުންނެވީ ކާމިޔާބު ވާނެކަމުގެ ޔަގީންކަމާއެކު ކަމަށެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ގަވައިދުތަކާ އުސޫލުތަކާ އެއްގޮތަށް މަޖިލީސް ގެންދަވާ ކަމަށް ވިދާޅުވާއިރު އެކަމުގެ ތަފްސީލެއް ނުދެއްވޭ ކަމަށާއި ޖަވާބުދާރީވެ ވަޑައި ނުގެންނެވޭ ކަމަށެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލޭތަން ސާފުކޮށް ފެންނަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
"ފުރަތަމަ ބައްލަވާ މިތަނުގަ ފަސްދޮޅަހުން މަތީގަ ވޯޓްތައް ލިބެމުން އައިސް މިއަދު ސާޅީސް ހަޔަކަށް ތިރި އެކުރެވުނީ. އެންމެފަހުން މިއައި ޗެލެންޖްގަ ސާޅީސް އަށެއް.. ދޭއް ވެއްޓިއްޖެ. އެހެންވެ ފޯޓީ ސިކްސްއަށް މިވީ" ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސާޅީސް ހައެއްގެ ތެރޭގައި ވެސް ތިއްބެވީ ކޮންމެވެސް މަޖުބޫރީއެއްގެ ތެރޭގައި ތިއްބެވި ބޭފުޅުން ކަމެށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ތިންފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅާފައިވާއިރު އެއްފަހަރު ވަނީ ވޯޓަކާ ހިސާބަށް ގޮސްފައެވެ. އަސްކަރިއްޔާ ބޭނުންކޮށްގެން އިދިކޮޅު މެމްބަރުން މަޖިލީހުން ނެރެ މާޗް މަހުގެ 27 ވަނަ ދުވަހު ރޯލްކޯލް ވޯޓެއް ނަގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުންވަނީ މަސީހަށް އިތުބާރު އޮތްކަން ހާމަވެއްޖެކަމަށް އިއުލާނު ކުރައްވާފައެވެ.