ބިދޭސީން ގަވާއިދާއި ހިލާފަށް ގެނައުމުގައި އިމިގްރޭޝަންގެ މުވައްޒަފެއް ޝާމިލްވާނަމަ، އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށާއި މުއައްސަސާގެ ވެރިޔާގެ މަގާމު އެކަނި ބަދަލުވެގެން އެކަން ހައްލުނުވާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ޝިފާޒު ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ރާއްޖޭގައި ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ މައްސަލައެއް ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށްޓަކައި އަމަލީ މަސައްކަތެއް ފެށީ ވެސް މިސަރުކާރުން ކަމަށެވެ.
އެގޮތުން ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވައްދާ މިމައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތައް ކުރަމުންދާކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ފެށި ރެގިއުލަރައިޒޭޝަން ޕްރޮގުރާމް ޝިފާޒު ފާހަގަކުރެއްވިއެވެ.
ޝިފާޒު ވިދާޅުވީ މިމައްސަލާގައި ގިނަ ބައެއްގެ އިހުމާލު އޮތްކަމަށް ގަބޫލުކުރާ ކަމަށާއި، އެފަދަ މީހުންނާ ދޭތެރޭގައި ވެސް އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިސަރުކާރުގައި އަޅާނެ ކަމަށެވެ.
މައްސަލަ ހައްލު ކުރުމުގައި އަދި މިފަދަ ކަންކަމަށް ފުރުސަތު ނުދިނުމަށްޓަކައި ރަނގަޅު ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހޭކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ނިޒާމު ހަރުދަނާ ކުރެވޭ ހާލަތުގައި އިންސާނީ ވަގުފާރިއަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
މީހުން ތިއްބަސްވެސް އެމީހާއަށް އެކަނި ނުވަތަ އެމީހުންގެ ތެރެއިން އަޅުގަނޑަށް ހީވަނީ ނިޒާމު ވަރުގަދަ ސިސްޓަމެއް ގާއިމް ކުރީމަ ވަރަށް ގިނަ ކަންކަން ހައްލުވޭހެން. ވަރަށް ގިނަ ކަންކަން ހައްލުވޭ. އެނިޒާމު އެހެންވީމަ ބަދަލު ކުރުމުގެ މަސައްކަތް ހަގީގަތުގައި އަޅުގަނޑުމެން ކުރަމުން މިދަނީ. ކޮންމެހެން ބަދަލު ކުރަންޖެހޭ މީހުން ތިބެއްޖެއްޔާ ކުރަން ޖެހޭނީ މިކަން ރަނގަޅު ކުރަންޏާ. އެހެން ނަމަވެސް އަޅުގަނޑުމެން ވެރިކަމަށް މިއައީ ވަރަށް ގިނަ ވާހަކަ ދައްކާފަ. ހަމަޖައިމު ވެސް ސިޔާސީ ހިޔާލު ތަފާތުވެގެންނޭ ކިޔައިގެން ނުވަތަ އެފަދަ ކަމަކާ ހެދިއެއް ނޫން ބަދަލުކުރާނީއެއް. ތިފާހަގަކުރެއްވި ކަންތައްތަކުގެ ތެރެއިން ކުރަންޖެހޭ އިދާރީ ފިޔަވަޅުގެ ތެރެއިން ކުރަންޖެހޭނީ.ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު
ޝިފާޒު ވިދާޅުވީ އިންސާފު ގާއިމްކުރުމުގައި މިސަރުކާރުން ސިޔާސީ ކުލައަކަށް ނުބާލާނެ ކަމަށާއި، ވަކި ބޭފުޅަކަށްވީމަ ބަސް ނުބުނެ ތިބޭކަށް ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ފެންމަތިވާ މައްސަލަތައް މި ސަރުކާރުގައި ބަލާނެ ކަމަށާއި، އެކަމާ ދެކޮޅަށް ވަކާލާތު ކުރުމުގެ ފުރުސަތު ވެސް މިސަރުކާރުގައި ލިބޭނެ ކަމަށެވެ.