މާބަނޑު އިރު ރަހިމުގައި އޮންނަ މަހުން ދަރިފުލަށް ކޮވިޑް-19 ޖެހޭކަން ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާ ހަދަފައިވަނީ އިޓަލީގައެވެ. އިންޓަރނޭޝަނަލް އެއިޑްސް ސޮސައިޓީން ބޭއްވި ކޮންފަރެންސެއްގައި ޔުނިވަރސިޓީ އޮފް މިލާން އެންޑް ކޮލީގްސްގެ ކްލޯޑިއޯ ފެނީޒިއާ ހާމަ ކުރައްވާފައިވާ ގޮތުގައި ކޮވިޑް-19 ޖެހިފައި ތިބި 2 މާބަނޑު އަންހެނަކު ވިހެއި ދަރިފުޅު ވިހެއި އިރު ވެސް ކޮވިޑް ޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މި ދިރާސާއަށް ކޮވިޑް-19ށް ޕޮޒިޓިވްވެފައިވަ 31 މާބަނޑު އަންހެނެއްގެ ހަރަކާތްތައް ބަލާފައިވެއެވެ. މި ދިރާސާ ކޮށްފައިވަނީ އިޓަލީގައި އެންމެ ހަލުވިމިނެއްގައި ކޮވިޑް ފެތުރެމުން ދިޔަ ދުވަސްވަރުގައެވެ. މި ދިރާސާއަށް މާބަނޑު އަންހެނުން ގަވާއިދުން ޓެސްޓްތައް ހަދާފައިވާއިރު، ކުދިން އުފަންވުމުން ކުދިންގެ ޓެސްޓްތައް ވެސް ހަދާފައިވެއެވެ. އަދި ރަހިމުގައި އުފެދޭ މަހާއި، ފޫޅާއި، މަންމަގެ ކުރިމަތި ފަރާތުން ނެގި ސާމްޕަލްތަކާއި، ކުޑަ ދަރިފުޅަށް ގާތުންދޭ ކިރުގެ ޓެސްޓް ހަދާފައިވެއެވެ.
އަދި މީގެ ތެރެއިން އުފަންވި 2 ކުއްޖަކު ކޮވިޑް-19ށް ޕޮޒިޓިވްވި ކަމަށް ދައްކައެވެ. އަދި ޓެސްޓްތަކުން ދައްކާ ގޮތުން މި 2 ކުދިންނަށް ކޮވިޑް ޖެހުނީ ރަހިމުގައި އޮއްވާ ކަމަށް ހެކިތަކުން ދައްކާ ކަމަށް ފެނީޒިއާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވައިރަސް މަހުގައާއި ފޫޅުގައާއި، މަންމަގެ ކުރިމަތި ފަރާތުން ނެގި ސާމްޕަލާއި، ގާތުންދޭ ކިރުގައި ވެސް ހުރި ކަމަށް ދައްކާ ކަމަށް ފެނީޒިއާ ވަނީ ވިދާޅުވެފައެވެ.
އަދި މިއީ މިހާތަނަށް ފުޅާކޮށް ދެކެވެމުންދާ ވާހަކައެއް ނޫން ކަމަށާއި، ނަމަވެސް ވައިރަސްގެ މައުލޫމާތު ފޯރުކޮށްދޭއިރު މި މައުލޫމާތު ވެސް ފޯރުކޯށްދިނުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި ދިރާސާއިން ދައްކާ ގޮތުން ވިހެއުމަށްފަހު މަސް ދިރާސާ ކުރި އިރު އެ ދުޅަވެފައިވާ ކަމަށާއި، އިންފެކްޝަންގެ އަސަރު ވެސް މަހުގައި ފެންނަން ހުރި ކަމަށް ބުނެފައިވެއެވެ. އަދި ފޫޅުން ނެގި ލޭގެ ސާމްޕަލުގައި އެންޓި ބޮޑީސް އުފެދިފައި ހުރި ކަމަށާއި، އެއިން ދައްކަނީ އެއީ ވަރަށް ފަހުން އުފެދުނު އިންފެކްޝަނެއްގެ ސަބަބުން އުފެދުނު އެންޓިބޮޑީސް ކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ. އަދި އެންޓިބޮޑީސް އަކީ އާންމުކޮށް މަންމަގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަށް ފޯރުކޮށްދޭ އެއްޗެއް ނޫން ކަމަށާއި، އެހެންކަމުން މި ހޯދުންތަކުން ދައްކަނީ ރަހިމުގައި މަސް އޮންނައިރު ކޮވިޑް ވައިރަސް އަށް އިންފެކްޓްވާކަން ކަމަށް ފެނީޒިއާ ވަނީ ވިދާޅުވެފައެވެ.
ދިރާސާގައި ބައިވެރި ކުރި މާބަނޑު މީހުންނަކީ ވިހަން ކައިރިވެފައި ތިބި މީހުން ކަމުން ބަނޑުގައި އޮންނަ ދަރިފުޅަށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މާބަނޑު ދުވަސްވަރު މައިމީހާގެ ގައިން ދަރިފުޅަށް ޖެހޭ ބައެއް ވައިރަސްތަކުގެ ތެރޭގައި ޒިކާ ވައިރަސް އަދި އެޗްއައިވީ ފަދަ ވައިރަސް ހިމެނެއެވެ.