އެމެރިކާގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުން އަންނަ މި ދަނޑިވަޅުގައި، އެގައުމުގައި އިތުރަށް ޓެސްޓް ހެދޭނެ ނިޒާމްތައް ގާއިމްކޮށް ކަންކަމުގައި ކުރިއަށް ޖެހެން ވެއްޖެކަމަށް ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލުގެ ޑިރެކްޓަރ ޑރ. ރޮބަޓް ރެޑްފީލްޑް ވިދާޅުވެއްޖެއެވެ.
ސީއެންއެންއިން ކުރިއަށް ގެންދިޔަ ޝޯއެއްގައި އެ ޝޯގެ ހޯސްޓް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮބަޓް ވިދާޅުވީ މިހާރުގެ ހާލަތު ވަރަށް ގޯސް ކަމަށާއި، ފަސޭހައިން ޓެސްޓް ހެދޭނެ ނިޒާމްތަކައި، ވަގުތުން ޓެސްޓް ހެދޭނެ ނިޒާމްތައް އަދި ނަތީޖާތައް ލިބުން އަވަސް ކުރެވެން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާއަށް މިވަގުތު ބޭނުންވަނީ ޓެސްޓް ހަދާ މިންވަރު އިތުރުކުރުމަށް ކަމަށާއި، ކަންކަން ހަރުދަނާކޮށް އެޑްވާންސް ވާން ޖެހޭ ކަމަށެވެ. އަވަހަށް ޓެސްޓްތައް ހަދަ އަވަހަށް ޓެސްޓްގެ ނަތީޖާ ލިބޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭ ކަމަށެވެ. މިހާރު ވެސް ދުވާލެއްގެ މައްޗަށް އެމެރިކާގެ އެކި ސިޓީތަކުގައި 6 ލައްކައަށްވުރެ ގިނަ ޓެސްޓް ހަދަމުން ގެންދެއެވެ.
މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 12 މިލިއަނަށްވުރެ އިތުރުވެފައެވެ. މީގެ ތެރެއިން އެމެރިކާގައި ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 3.2 މިލިއަނެވެ. ދުނިޔޭގެ އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ގައުމަކީ ވެސް އަދި އެންމެ ގިނަ މީހުން މަރުވި ގައުމަކީ ވެސް އެމެރިކާއެވެ. އެމެރިކާގައި މިހާތަނަށް އައި އިރު 135،000ށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.
އެމެރިކާގައި ކޮވިޑްގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުން އަންނަ އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެގައުމު ވަކިވުމަށް ރަސްމީކޮށް ސިޓީ ހުށަހަޅާފައެވެ. މިއާއެކު އެ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައެވެ. އެމެރިކާގެ މި ނިންމުން ތަންފީޒުވާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހުން ފެށިގެންނެވެ.