ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކުރި އަޑުއެހުންތައް ކެންސަލް ކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުރާސްފަތި ދުވަހު 13:00 އަށް އެކޯޓުގައި ބޭއްވުމަށް ތާވަލްކުރި، އަޑުއެހުންތައް ކެންސަލް ކޮށްފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ފަރާތުން އެދިގެން ނެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕީޖީގެ އޮފީހުން އަދީބުގެ ޝަރީއަތުގެ ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލް ކުރުމަށް އެދިފައިވަނީ، ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ޕީޖީ އޮފީސް ޑިސްއިންފެކްޓް ކުރުމަށް ހަމަޖެހިފައިވާތީއާއި، މި މައްސަލައަކީ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށްވާތީ އެވެ. އަދި ޕީޖީ އޮފީހުގެ ފަރާތުން މިމައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުންގެ ޓީމު ޕީޖީގެ އޮފީހަށް ހާޒިރުވެގެން މެނުވީ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ނުހަނު ދަތިކަމަށް ޕީޖީ އޮފީހުން މައުލޫމާތި ދީފައިވާ ކަމަށާއި، އެހެންކަމުން ބުރާސްފަތި ދުބަހުގެ 15:00 އަށް ފަސްކޮށްދިނުމަށް ޕީޖީ އޮފީހުން އެދިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ މީީޑިއާ އޮފިޝަލް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ 15:00 އަށް ތާވަލްކުރަން ބަލާއިރު، ބުރާސްފަތި ދުވަހުގެ އެވަގުތަށް ޖަލުގައި ވީޑިއޯ ކޮންފަރެންސިންގ ހަމަޖެހެން ނެތުމުން، ބުރާސްފަތި ދުވަހު ބާއްވަން ތާވަލްކުރި އަދީބުގެ ޝަރީއަތުގެ އަޑުއެހުންތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އަދީބުގެ ޝަރީއަތުގެ އަޑުއެހުންތައް ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމާފައިވަނީ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ.
އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާތަކާއި ގުޅިގެން އިބްތިދާއީ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ 7 ދައުވާ ވަނީ އިއްވާފަ އެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޚިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި އުފުލާފައިވާ ދެ ދައުވާއަކާއި، މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެއްވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މިމައްސަލަތަކާއި ގުޅިގެން އަދީބު ވަނީ، ޕީޖީއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ވެސް ހަދާފަ އެވެ. އެ އެއްބަސްވުން ހަދާފައިވަނީ 25 ސެޕްޓެމްބަރު 2019ގަ އެވެ.
އިއުތިރާފުގެ އެއްބަސްވުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ހެދޭ އެއްބަސްވުމެކެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ (ހ)ގައި ބުނަނީ، ތުހުމަތު ކުރެވޭ މީހާއާއި ޕްރޮސެކިއުޓަރ ޖެނެރަލްއާ ދެމެދު ވާހަކަ ދެކެވި، ތުހުމަތު ކުރެވޭ މީހާ ކުށަށް އިއުތިރާފް ވެއްޖެނަމަ. ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް، އެއްބަސްވުމެއް ވެވިދާނެ ކަމަށެވެ. މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރަންވާނެ ކަމަށްވެސް އެމާއްދާގައި ބުނެފައި ވެއެވެ.
ހަމަ އެމާއްދާގެ (ށ)ގައި ބުނަނީ، އެގޮތަށް ވެވޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކޮށްދެވޭނީ، އެ ކުށަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނުވާނެ އަދަބެެއް ކަމަށެވެ. ނުވަތަ ގާނޫނުގައި އެ ކުށަށް ކުޑަ އަދަބެއް ކަނޑައެޅިފައިނުވާނަމަ، އެ ކުށަށް ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅައެއްބަޔަށްވުރެ ކުޑަނުވާނެ އަދަބެއް ކަމަށެވެ.