ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު ވެސް ބައެއް ފިހާރަތަކުގައި އެންމެ އެކަށީގެންވާ ވަރަށް ފުޑް އެންޑް ސޭފްޓީ ނުބަލަހައްޓާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ސީނިއަރ ސައިންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދު ވިދާޅުވީ ބައެއް ފިހާރަތަކުގައި ކުކުޅު ކޮށާ ކުކުޅު ބަންދުކުރާ ކަމަށާއި، ތަރުކާރީއާ މޭވާގެ ބާވަތްތައް ވެސް ކޮށާ ބަންދުކޮށް އެ މަސައްކަތް ކުރާ ކަމަށެވެ.
މި މަސައްކަތް ކުރާ ފިހާރަތަކުގެ ތެރެއިން ގިނަ ފިހާރަތަކަކީ މިފަދަ މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތި އެ މަސައްކަތް ކުރަމުންދާ ފިހާރަތައް ކަމަށާއި، އެތަކެތި ސާފު ކުރެވޭނެ ގޮތް ވެސް އެ ފިހާރަތަކުގައި ނެތް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
މިސާލަކަށް އެތަނުގެ އެއްޗެހި ކޮށާފަ އެތަކެތި ސާފުކުރެވޭނެ ގޮތެއް ވެސް ގިނަ ފަހަރަށް ނުހުރޭ. އަޅުގަނޑުމެން މިދައްކަނީ ވަރަށް ބޮޑަށް އާންމު ސާފުތާހިރުކަމުގެ ވާހަކަ. އަތް ރަނގަޅަށް ދޮންނަވާހަކަ. ތަންތަން ރަނގަޅަށް ސާފުކުރާ ވާހަކަ. އެހެންވީމަ މިފަދަ ހާލަތެއް ކޮވިޑް-19 މިފަދަ ބައްޔެއް ފެތުރެމުންދާ ދުވަސްވަރެއްގައި މިފަދަ ތަނެއްގެ ތެރޭގައި މިގޮތަށް މަސައްކަތް ކުރުމަކީ އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ވެސް ގެއްލިގެންދާނެ ކަމެއް. ހަމަ އެގޮތުން ކޮވިޑް-19 ގެ އަލާމަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް އޭގެ ސަބަބުން ފެތުރިގެންދާނެ ކަމެއް. އެހެންކަމުން އެފަދަ ތަންތަނުގައި ވަކިން ޚާއްސަކޮށް މިފަދަ މަސައްކަތެއް ކުރެވޭ ތަނެއްވެއްޖެއްޔާ މިފަަދަ ތަކެތި ރަނގަޅަށް ދޮވެވޭނެ ރަނގަޅު އިންތިޒާމެއް އެތަނުގެތެރޭގައި ހުންނަންޖެހޭނެ.ސީނިއަރ ސައެންޓިފިކް އޮފިސަރ ސާޖިދާ މުހައްމަދު
ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމަށް އިރުޝާދު ދެމުންދާއިރު، މިފަދަ ފިހަރާތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ވެސް ރަނގަޅަށް ސައިބޯނި ފަދަ އެއްޗެއް ބޭނުން ކޮށްގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ކުކުޅު ކޮށުމަށްފަހު، ނުވަތަ ތަރުކާރީ ފަދަ ބާވަތްތަކުގައި އަތްލުމަށްފަހު ސައިބޯނި ލައިގެން އަތް ނުދޮވެ ހަމައެކަނި ހޭޑް ސެނިޓައިޒް ކުރި ނަމަވެސް އަތް ސާފު ނުވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ މި ބަލިން ރައްކާތެރިވުމަށްޓަކައި އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް ސާފުތާހިރު ކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވެ އެގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ. ކޮވިޑް-19 އަކީ އަވަހަށް ފެތުރޭ ބައްޔަކަށްވާއިރު، ފަރުވާ ކުޑަކޮށް ކަންކަން ދޫކޮށް ނުލުމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.