ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ބުދަ ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށެވެ.
އަދި ތަހުޤީގު ކުރެވެމުންދަނީ ޖިންސީ ގޯނާގެ ތުހުމަތު ކަމަށާއި ތަހުޤީގުން އިތުރަށް ލިބޭ މައުލޫމާތު ސާފުވުމުން ހާމަކޮށްދެމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުން ބަލަން ފަށާފައި މިވަނީ ޓުރައިޒަމް މިނިސްޓަރ އަލީ ވަހީދު މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު ތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި ތުހުމަތު ތަކާއި ގުޅިގެން ބުދަ ދުވަހުގެ ރޭ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވާފައެވެ.
އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވާފައިވަނިކޮށް ބުދަ ދުވަހުގެ ރޭ އެކަމަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ހިދުމަތް ކޮށްދިނުމުގައި ތެދުވެރިކަމާއި ވަރުބަލި ކަމެއްނެތި މަސައްކަތް ކޮށްދެއްވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށާއި، ހަގީގަތް ކޮންމެވެސް އިރަކުން އެނގި ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.