ނެޝަނަލް އިންޓިގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހަތަރު މެންބަރަކު ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މަޤާމުން ވަކިކުރުމަށް ނިންމާފައިވާ ހަތަރު މެންބަރުންނަކީ އެންއައިސީގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ޚަދީޖާ އަބްދުﷲ އެވެ. މި ހަތަރު މެންބަރުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެ ކޮމިޝަނަށް އައްޔަން ކޮށްފައި ތިބި ހަތަރު މެންބަރުންނެވެ.
މަޤާމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ނިންމާ އެ މެންބަރުން ވަކިކުރަން ރައީސް ސޯލިހަށް ލަފާ ދެއްވުމަށް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި ހުށަހެޅުން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އަޤްލަބިއްޔަތުންނެވެ.
އެންއައިސީގައި ތިއްބަވަނީ ޖުމްލަ ފަސް މެންބަރުންނެވެ. ހަތަރު މެންބަރުން ވަކި ކުރުމަށް ރައީސަށް ލަފާއެރުވިއިރު ދެން އެ ކޮމިޝަނުގައި އިންނަވަނީ މެންބަރު އަހުމަދު ޖިހާދުއެވެ. ޖިހާދު އެންއައިސީއަށް އައްޔަން ކުރައްވާފައި ވަނީ މި ސަރުކާރުގައެވެ.
އެންއައިސީ އަކީ އެ ކޮމިޝަނުގެ ގާނޫނު 6 ސެޕްޓެމްބަރު 2015 ގައި ވުޖޫދުވުމާއެކު އުފެއްދި ކޮމިޝަނެކެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަރެޝަންސަލް ސަރވިސް އާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނާ ގުޅޭ މައްސަލައް ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުން މަތިކޮށްފައިވަނީ އެ ކޮމިޝަނާއެވެ.
ނަމަވެސް، އެ މުއައްސަސާތަކާ ގުޅޭ އެތައް މައްސަލަތަކެއް ފެންމަތިވެފައި ވީނަމަވެސް އެންއައިސީ އަކީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުންދާ ކޮމިޝަނެއް ނޫން ކަމަށާއި އެ ކޮމިޝަނާމެދު އިތުބާރު ގެއްލިފައިވާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.