ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ކ. މާފުށީގައި މުޒާހަރާ ކޮށްފިއެވެ.
ފުލުހުން ބުނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާ ކަމަށް ބުނެ އެމީހާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ މާފުށީގައި ބަޔަކު މުޒާހަރާކޮށްފައިވާ ކަމަށެވެ.
މިމުޒާހަރާގައި ހަމަނުޖެހުމެއް ހިނގާފައިނުވެއެވެ.
ފުލުހުން ވަނީ މުޒަހާރާ ކުރިއަށް ގެންދިޔަ ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓާފައެވެ.
ޖިންސީ ގޯނާގެ މައްސަލަތަކާއި، ރޭޕްގެ މައްސަލަ ތަކުގައި ހައްޔަރު ކުރާ މީހުންނަށް އެންމެ އެކަށީގެންވާ އަދަބު ނުލިބުމަކީ ގިނަ ބައެއްގެ ހުރި ކަންބޮޑުވުމެކެވެ. ދޭތެރޭ ދޭތެރެއިން މައްސަލަތައް ހޫނުވެ ރައްޔިތުން ރުޅިގަދަވާ ހިސާބަށް ދިޔުމުން ފިޔަވަޅު އެޅުމަށް ފަހު އަނެއްކާ ވެސް، އެކަމަށް މާ ބޮޑު ސަމާލުކަމެއް އެއްވެސް މުއައްސަސާއަކުން ދޭ ތަނެއް ނުފެންނަ ކަމަށް ބުނެ ރައްޔިތުންނާއި ކަމާބެހޭ ޖަމިއްޔާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.