Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 17:18
ފެނަކަ ކޯޕްރޭޝަން
ފެނަކަ ކޯޕްރޭޝަން
މުހައްމަދު ޝަރުހާން
ފެނަކަ
ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލަ ޝަރީޢަތަށް ފޮނުވައިފި
ޝަރޫ ލޯންޗް ސާވިސް އިން ބޭނުން ވަނީ 2030 ގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކުރަން
ފެނަކައިން ހުށަހެޅީ އެ ކުންފުނިން ދިން ތިން ޗެކަށް ތިން ޕޭމެންޓެއްގެ މަތިން ފައިސާ ދައްކަން
ޝަރީޢަތުގެ މަރުހަލާގައި ފެނަކައިން ހުށަހަޅަން ޖެހޭ ބަޔާންތައް ހުށަހަޅައި ނިންމައިފި

ލޯންޗްގެ ހިދުމަތް ދެމުން ގެންދާ ކޮންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދުމަށް ފެނަކަ ކޯޕްރޭޝަނުން ދައުވާ ކުރާ މައްސަލައިގައި ދެފަރާތް ވާހަކަ ދައްކައިގެން ސެލްހަވެރި ހައްލެއް ނުލިބުމުން އެ މައްސަލަ ޝަރީޢަތަށް ފޮނުވައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް  ވިދާޅުވީ ވާހަކަ ދައަކައިގެން މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުގައި ޝަރޫ ލޯންޗް ސާވިސް އިން ހުށަހެޅީ އެ ކުންފުނިން ފެނަކަ އަށް ދޭން ޖެހޭ ފައިސާ 2030 ވަނަ އަހަރާ ހަމައަށް ދައްކައި ޚަލާސްކުރާ ގޮތަށް ކަމަށެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ ޝަރޫ ލޯންޗް ސާވިސް އިން ހުށަހެޅި އެ ހުށަހެޅުން ފެނަކައިން ގަބޫލު ކޮށްފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ފެނަކަ އިން އެދުނީ އެ ކުންފުނިން ދީފައިވާ ތިން ޗެކަށް ތިން ޕޭމެންޓެއްގެ މަތިން ފައިސާ ދައްކާ ހަލާސް ކުރުމަށް ކަމަށެވެ. ނަމަވެސް ފެނަކައިގެ އެ ހުށަހެޅުމަށް ޝަރޫ ލޯންޗް ސާވިސް އިން އެގޮތަށް އެއްބަސްނުވުމުން މައްސަލަ ޝަރީޢަތަށް ފޮނުވީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މައްސަލަ ޝަރީޢަތުގެ މަރުހަލާ އަށް ފޮނުވާފައިވާއިރު މައްސަލައާ ގުޅޭ ގޮތުން ފެނަކައިން ހުށަހަޅަން ޖެހޭ ބަޔާންތައް މިހާރު ހުށަހަޅާފައިވާ ކަމަށާއި އަދި ދެން އޮންނާނީ ޝަރޫ ލޯންޗް ސާވިސް އިން ބަޔާން ހުސަހެޅުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މައްސަލަ ކުރިއަށްދާ ގޮތަށް ބަލާއިރު މައްސަލަ ދިގުދަންމައި، މައްސަލަ ލަސްކުރުމަށް ޝަރޫ ލޯންޗް ސާވިސް އިން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ތަފާތު އެކި އިޖުރާއީ ނުކުތާތަށް ނަގައިގެން މައްސަލަ ލަސްކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އިތުރު ބަޔަކާ ދެކޮޅަށް ދައުވާ ކުރަން ޖެހޭތޯ ބެލުމަށާއި ފައިސާ ނުލިބުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ފައިނޭންޝަލް ޑެމޭޖް އެސެސްމެންޓެއް ހަދައިދިނުމަށް އެދި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ އެސެސްމެންޓުން އިތުރު ބަޔަކާ ދެކޮޅަށް ދައުވާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ފެނަކައިން 17 މިލިއަން ރުފިޔާގެ ޗެކެއް، ޝަރޫ ލޯންޗް ސާވިސަސް އަށް ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކައަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ދިން ޗެކު ބައުންސްވި ހިސާބުންނެވެ.

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައާ ގުޅިގެން ޝަރޫ ލޯންޗް ސާވިސްގެ މެނޭޖިންގ ޑިރެކްޓަރު ފުލުހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭސީސިން ބަލަމުން އަންނަނީ އެ ފައިސާ ދިނުމުގައި ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައި ވޭތޯ އެވެ.

މި މައްސަލަ ފެންމަތިވުމާއެކު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ނިމާލް މަގާމުން ވަކިކޮށް އެ މަގާމަށް ޝަރީފް ހަމަޖެއްސެވި އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ނިމާލް އައްޔަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން އެމްއާރުޑީސީގެ އެމްޑީގެ މަގާމަށް ވަނީ ބަދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 އޭޕްރިލް 2017 | ހޯމަ 15:12
އެނގޭ މީހާ
ތިތަން ތީ އަބަދު ދަރަނި ވެރި ވެފަ އޮންނަ ތަނެއް.. އެތައް ބަޔަކަށް ދަރަނިވެރި ވެފަ އޮތް ތަނެއް.. އަހަރެންމީ އެމް ޓީ ސީ ސީގަ މަސެއްކަތް ކުރި މީހެއް.. އެތަނަށް ދޭ ހުރިހާ ޗެކެއްވެސް ބައުންސްވެފަ ހުރީ.. ލާރި ނެތިއްޔާ ވިޔަފާރި ނުކޮއްބަލަ ދޯ.. ހިނި އަންނަނީ..