މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އިރާނުގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލަން އެމެރިކާ އިން ދިން ހަމަލާއަކީ ބައިނަލްއަގްވާމީ ޤާނޫނުތަކާ ޚިލާފަށް ދިން ޙަމަލާއެއް ކަމަށް މި މައްސަލަ ތަހުގީގުކުރެއްވި އދގެ އިންސާނީ ހައްޤުތަކާބެހޭ ތަޖުރިބާކާރެއް ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ދިން ޙަމަލާގައި ސުލައިމާނީއާއި އިތުރު ނުވަ މީހުންވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އދގެ ޚާއްޞަ ރެޕަޗަރެއް ކަމަށްވާ އެގްނެސް ކަލަމާރޑު ވިދާޅުވީ އެމެރިކާއަށް ނުރައްކަލެއް އޮތް ކަމަށް ބުނެ ސުލައިމާނީއަށް އަވަހާރަކޮށްލުމުގައި ޤަބޫލު ކުރެވޭވަރުގެ ހެއްކެއް އެމެރިކާއަށް ދެއްކިފައި ނުވާ ކަމަށެވެ. އެ ޙަމަލާއަކީ އދގެ ޤާނޫނުތަކާ ޚިލާފަށް ދިން ޙަމަލާއެއް ކަމަށް ޑްރޯން ބޭނުންކޮށްގެން ދޭ ޙަމަލާތަކާއި ހަތިޔާރު ބޭނުންކުރުމުގެ ޤަވާއިދުތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ޖުލައި މަހުގެ 9 ވަނަ ދުވަހު އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލަށް އޭނާގެ މި ރިޕޯޓު ހުށަހެޅުއްވުމަށް ކަލަމާރޑު ދަނީ ތައްޔާރުވަމުންނެވެ.
ސުލައިމާނީ އަކީ އީރާނުގެ އަސްކަރީ ޙަރަކާތްތަކުގެ އިސް ރޭވުންތެރިޔާގެ އިތުރުން ސޫރިޔާއާއި ޢިރާޤުގައި އީރާނުން ހިންގާ ޙަރަކާތްތަކާ ޙަވާލުވެ ހުންނެވި އަސްކަރީވެރިޔާއެވެ. ކަލަމާރޑު ވިދާޅުވީ ބައެއްގެ ފުރާނައަށް ސީދާ ނުރައްކަލެއް އޮތްކަމަށް ސާބިތު ނުވާހާ ހިނދަކު އެމެރިކާއިން ދިން ޙަމަލާވާނީ ޤާނޫނާ ޚިލާފަށް ދިން ޙަމަލާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ޢިރާޤަށް ދިން ޙަމަލާއަކީ ބޭރު ޤައުމެއްގައި ހުރި އެހެން ޤައުމެއްގެ ރަސްމީ ފަރާތަކަށް އަމިއްލަ ދިފާޢުގައި ކަމަށް ބުނެ ޤައުމަކުން ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރު ކަމަށެވެ.