މުސާރަ ނުދީގެން ހުޅުމާލޭގައި ބިދޭސީން މުޒާހަރާ ކުރަން ފަށައިފިއެވެ.
އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ގިނަ އަދަދެއްގެ ބިދޭސީން ހުޅުމާލޭގައި މުޒާހަރާ ކުރަމުންދާތަން ފެނެއެވެ. ކަމާބެހޭ އެއްވެސް އިދާރާއަކުން މިިކަން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަރާތްތައް މުޒާހަރާ ކުރަމުންދަނީ މުސާރަ ނުލިބުމާއި ގުޅިގެންނެވެ.
ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ކުރިމަތިލާ ވީޑިއޯތައްވެސް ދަނީ ދައުރުވަމުންނެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި ބައެއް މީހުން އެ ސަރަހައްދުން މިހާރު ދުރަށް ފޮނުވާލާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން މި މުޒާހަރާގައި ބައިވެރިވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ ފްލެޓުތައް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ. އަދި މުޒާހަރާގައި 60 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ބައިވެރިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.