ކޮވިޑް-19 ވައިގެ ޒަރީއާއިން ފެތުރޭކަމުގެ ހެކި ލިބިފައިވާކަން ފާހަގަކޮށް، ގޭގައި ތިބޭ އިރުވެސް މާސްކް އަޅައިގެން ތިބުމަށް ގިނަ އަދަދެއްގެ ސައިންސްވެރިން އިލްތިމާސްކޮށްފިއެވެ.
ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތަކުން ބުނާގޮތުން، ދުނިޔޭގެ 32 ތަފާތު ސަރަހައްދުން ޖުމްލަ 239 ސައިންސްވެރިން ހެދި ދިރާސާއަކުން ކޮވިޑް-19އަކީ ވައިގެ ޒަރީއާއިން ފެތުރޭ އެއްޗެއްކަމުގެ ހެކި ވަނީ ލިބިފައެވެ. އެގޮތުން، ބަލި ފަސޭހައިން ގައިން ގަޔަށް އަރާއިރު ސައިންސްވެރިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކުރުމަށް ގޮވާލާފައެވެ. ބަލިން ރައްކާތެރިވުމަށްޓަކައި ގޭގައި އުޅޭ އިރުވެސް އަދި ބޭރަށް ނިކުންނަ އިރުވެސް މާސްކް އެޅުމަށް އިސްކަން ދިނުމަށް ސައިންސްވެރިން ވަނީ ގޮވާލާފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާތަނަށް ދީފައިވާ މައުލުމާތު ތަކުގެ ތެރޭގައި ވައިގެ ޒަރީއާރިން އެ ބަލި ފެތުރޭކަމުގެ ހެއްކެއް ލިބިފައިވާކަމަށް ފާހަގަކޮށްފައެއް ނުވެއެވެ. އެގޮތުން، އައު ބައްޔަކަށް ވެފައި ދުވަސްތައް ވަމުންދާ ވަރަކަށް އިތުރު މައުލޫމާތު އެނގޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ޑަބްލިއުއެޗްއޯއިން ވަނީ އިޖްތިމާއީ ގައިދުރުކަމާއި މާސްކް އެޅުން ފަދަ ކަންތައްތަކަށް ހާއްސަ އިސްކަމެއް ދިނުމަށް މީގެކުރިން އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވަނީ މާރޗު މަހުގެ 11 ވަނަ ދުވަހުއެވެ. އޭރުވެސް ޓެޑްރޯސް ވަނީ ބުރަ މަސައްކަތާއެކު މި ވައިރަސްއިން ސަލާމަތް ވެވިދާނެކަން ބައެއް ޤައުމުތަކުން ސާބިތުކޮށްދީފައިވާ ކަން ފާހަގަކުރައްވައި، ކުރީބައިގައި ބަލި ދެނެގަނެ، ޓެސްޓުކޮށް، ފަރުވާކުރެވި އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ވައިރަސްގެ ނުރައްކާ ކުޑަ ކުރެވޭނެ ގޮތެއްކަމަށް ވިދާޅުވެފައެވެ.