މިނިވަންކަމާއި ހައްގުތައް ރައްކާތެރި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ނެގުމަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދިނުމަށް ކުރީގެ ނާއިބު ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފި އެވެ.
އިދިކޮޅު އިއްތިހާދު މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ލީޑަރު ޖަމީލު، އާދިއްތަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ނަފްސާއި މުދަލާއި މިނިވަންކަމުގެ ދިފާއުގައި، އަދި ނުހައްގު ޝަރީއަތްތަކުން ރައްކާތެރިކަން ހޯދުމަށް މަސީހާ ދެކޮޅަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.
Nafsaai,mudhalaai,minivan kamuge dhifaau gai,adhi nuhahqqu sharee ah thakun rahkkaatherikan hoadhumah Maseeh aai dhekolhah vote dhehvvaa
— Mohamed Jameel Ahmed (@MJameelAhmed) April 9, 2017
ޖަމީލު އެގޮތަށް ގޮވާލެއްވިއިރު، އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އުފއްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ވަނީ 31 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހަޅާފަ އެވެ. މިއީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅި ތިން ވަނަ ފަހަރެވެ.
މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ފުރަތަމަ ހުށަހެޅުމަށް ފަހު ފަހު ވަގުތު މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ. އޭގެ ފަހުން މިދިޔަ މާރޗު މަހުގެ ތެރޭގައި 26 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއް ނުވެއެވެ. އެވޯޓު ނެގި ޖަލްސާގައި އިދިކޮޅު 13 މެމްބަރެއްގެ ނަން އިއްވުމަށް ފަހު ވަނީ މަޖިލީހުން ނެރެފަ އެވެ. އަދި ހަމަނުޖެހުން ބޮޑު އެ ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.
މީގެ އިތުރުން، މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލާގައި ނަގާފައި ވަނީ ރޯލްކޯލް ވޯޓެކެވެ. އެއީ ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ނެގޭ ވޯޓެކެވެ. އެ ވޯޓާ ގުޅިގެން އިދިކޮޅު މެމްބަރުން ވިދާޅުވީ އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ނެގި ވޯޓެއް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މި ސަރުކާރުގެ ނާއިބު ރައީސަކަށް އެންމެ ފުރަތަމަ ހުންނެވި ޑރ. ޖަމީލު މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.