Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 15:25
އެމްއެމްޕީއާރުސީ
އެމްއެމްޕީއާރުސީ
ސަން
އެމްއެމްޕީއާރުސީ
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ފަށައިފި
ފުރަތަމަ އަޑުއެހުން ކެންސެލް ކުރީ އެސްއޯއެފް ހާޒިރު ނުވުމުން
އެމްއެމްޕީއާރުސީ ހާޒިރުނުވި ކަމަށް ނުނެ މީގެކުރިން މި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައިވޭ
މައްސަލަ ޝަރީޢަތަށް ފޮނުވީ ދެފަރާތް ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 165 މިލިއަނެއްހާ ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ސިވިލް ކޯޓުގައި ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.

ދެ ވަނަ ފަހަރަށް ހުށަހަޅައިގެން ސިވިލް ކޯޓުގައި ކުރިއަށްދާ މި މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެމްއެމްޕީއާރުސީގެ އޮފިޝަލަކު ވިދާޅުވީ ޑިސްޕިއުޓް މަރުހަލާ ނިމި މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ފަހު ދެ ފަރާތުން ބަދަލު ކުރަން ޖެހޭ ބަޔާންތައް މިހާރު ބަދަލުކޮށް ނިމިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ބަޔާންތައް ބަދަލުކޮށް ނިމުމުން މައްސަލައިގެ އަޑުއެހުމެއް މި މަހުގެ ތެރޭގައި ބޭއްވުމަށް ތާވަލް ކުރި ކަމަށާއި ނަމަވެސް އެސްއޯއެފް ހާޒިރު ނުވުމުގެ ސަބަބުން އެ އަޑުއެހުން ކެންސަލްވީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން އެސްއޯފްއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގެ ޝަރީޢަތުގެ މަރުހަލާ ފެށި މިއީ ދެވަނަ ފަހަރެވެ. އެގޮތުން އެންމެ ފުރަތަމަ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ނުލިބުމުން މައްސަލަ ޝަރީޢަތަށް ފޮނުވިއެވެ. އަދި ޝަރީޢަތުގެ މަރުހަލާގައި ދެ ފަރާތުން ބަދަލު ކުރަން ޖެހޭ ބަޔާންތައް ބަދަލުކޮށް ނިމިފައި ވަނިކޮށް ސިވިލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

އެގޮތުން އޭރު އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލާފައި ވަނީ ޝަރީޢަތުގެ އަޑުއެހުމަށް އެމްއެމްޕީއާރުސީ ހާޒިރު ނުވި ކަމަށް ބުނެއެވެ. ނަމަވެސް އެމްއެމްޕީއާރުސީން ބުނެފައި ވަނީ އެ ފަރާތުން ޝަރީޢަތަށް ހާޒިރު ނުވީ މައްސަލައިގެ ޗިޓް ލިބިފައި ނުވާތީ ކަމަށެވެ.

އެމްއެމްޕީއާރުސީން ދައުވާ ކޮށްފައިވަނީ އެ ދެ ކުންފުނީގެ ދެމެދުގައި ހެދިފައި އޮތް އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު (158 މިލިއަން ރުފިޔާ) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު (6.1 މިލިއަން ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށެވެ. އަދި އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުން އުވާލަން ވެސް ދައުވާގައި އެމްއެމްޕީއާރުސީން އެދިފައި ވެއެވެ.

އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ، އަދި ހިބަޅިދޫ މައްސަލަ އާއިއެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމްލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި އެސްއޯއެފް ކުންފުނި މެދުވެރިކޮށް އެކި ފަރާތްތަކަށް 1.3 ބިލިއަންރުފިޔާ ބަހާފައިވާއިރު، އޭގެ ތެރެއިން ފަސް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލާގައި އަދީބާއި އެމްއެމްޕީއާރްސީގެމެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަނީ ޖަލަށްލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް