ފަނޑިޔާރަކު ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ މެންބަރު ޒައިދުލް އަމީންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.
ފަނޑިޔާރަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ޒައިދު ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. ޒައިދު ހައްޔަރުކޮށް މިހާތަނަށް އޭނާގެ ބަންދުގެ މުއްދަތު 8 ފަހަރެއްގެ މަތިން އިތުރުކޮށްފައި ވެއެވެ.
ޒައިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފަ އެވެ.
ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނަށް ނިސްބަތްވާ ޒައިދު ވިދާޅުވެފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ފުލުހުން މަސައްކަތް ކޮށްފައި ވަނީ ސަރުކާރާ ދެކޮޅަށް ރައީސް މައުމޫން ސިއްރު ރޭވުންތަކެއް ރާއްވަވަމުންދާ ކަމަށް ބުނެ އޭނާގެ ފަރާތުން ބަޔާނެއް ހޯދުމަށެވެ.
ފެބްރުއަރީ މަހުގެ ތެރޭގައި ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އޮފީހުން ގެއްލިފައިވާ ކަމަށް ބުނާ ހާޑް ޑިސްކާއި، ފުލުހުން ބޭނުންވެގެން އުޅޭ ވީޑިއޯއަކާ ގުޅޭ ގޮތުން ސުވާލުކޮށް އެ ހާޑްޑިސްކް އާއި ވީޑިއޯއެއް ވަނީ ރައީސް މައުމޫންގެ އަތްޕުޅުގައި ކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ.
އެކަމުގައި އެއްބާރުލުން ނުދީފި ނަމަ "ޝުމްބާ ގޮންގް" ޖަލުގައި ޝަރީޢަތެއް ނެތި އޮންނަހެން އޭނާ ވެސް އޮންނަން ޖެހޭނީ ޖަލުގައި ކަމަށް ކިތަންމެ ފަހަރަކު ފުލުހުން ބުނެފައިވާ ކަމަށް އެ ބަޔާނުގައި ޒައިދު ވިދާޅުވެފައި ވެއެވެ.
ޒައިދުގެ މައްޗަށް ހިންގަމުންދާ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ފުލުހުން އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް، ޒައިދުކޮށްފައިވާ ތުހުމަތުތައް ބަލާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.