އިންޑިއާ އިން ޓިކްޓޮކް ބޭނުންކުރުން މަނާކުރުމާއެކު އިންޑިއަން ޓެކް އެންޑް އެންޓަރޓެއިންމަންޓް ފަރމްތަކަށް ބާރުބޮޑުވެއްޖެއެވެ.
ޗައިނާއިން އުފައްދާފައިވާ 59 އެޕްލިކޭޝަނެއް ޓިކްޓޮކް ހިމެނޭ ގޮތަށް އިންޑިއާގައި ބޭނުންކުރުން އެގައުމުން މަނާކޮށްފައިވާއިރު ޓިކްޓޮކާ އެއްގޮތް ފީޗަރ ތަކެއް ހިމެނޭ އެހެން ވީޑިއޯ އެޕްލިކޭޝަނަކުން ބުނެފައިވަނީ 22 މިލިއަން މީހުން 48 ގަޑިއިރު ތެރޭގައި އެ އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
އިންޑިއާ އާއި ޗައިނާ އާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާއިރު ދެ ގައުމުން އަންނަނީ ދެ ގައުމުގެ އެޕްލިކޭޝަން ބޭނުންކުރުން މަނާ ކުރަމުންނެވެ.
ޓިކްޓޮކަކީ އިންޑިއާގައި ވަރަށް މަގްބޫލު އެޕްލިކޭޝަނެކެވެ. އިންޑިއާގެ 200 މިލިއަން މީހުން މި އެޕްލިކޭޝަން ބޭނުންކުރެއެވެ.
2014 ވަނަ އަހަރު ޓިކްޓޮކާ އެއްގޮތް ފީޗަރ ތަކެއް ހިމެނޭ ގޮތަށް އިންޑިއާގެ ކުންފުންޏަކުން ވަނީ ރޮޕޮސޯ ކިޔާ އެޕްލިކޭޝަނެއް އުފައްދާފައެވެ. އެއެޕްލިކޭޝަން އުފެއްދި ކުންފުނިން ބުނެފައިވަނީ ދެ ދުވަސް ތެރޭގައި 22 މިލިއަން މީހުން އެ އެޕްލިކޭޝަން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އެ ކުންފުނީގެ ފައުންޑަރ މަޔަންކް ބަންގާޑިއާ ރޮއިޓަރސް އާ ވާހަކަދައްކަމުން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި އޭނާ އާއި އޭނާގެ ޓީމު ނިދީ ފަސްވަރަކަށް ގަޑިއިރު ކަމަށެވެ. އެޕްލިކޭޝަނަށް އޮތް ޑިމާންޑް ބޮޑުކަމުން މީހުން ބޭނުންވާ ފެންވަރަށް އެޕްލިކޭޝަން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް އައިއިރު 80 މިލިއަން މީހުން އެންޑްރޮއިޑުން ރޮޕޮސޯ ޑައުންލޯޑް ކޮށްފައިވާއިރު ބަންގާޑިއާ ވިދާޅުވީ ކުރިޔަށް އޮތްދުވަސް ތަކުގައި 100 މިލިއަން މީހުން އެ އެޕްލިކޭޝަން ޑައުންލޯޑް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ޓިކްޓޮކް އިންޑިއާގައި މަނާކުރުމުގެ ކުރިން އެންޑްރޮއިޑުން ރޮޕޮސޯ 50 މިލިއަން މީހުން ވަނީ ޑައުންލޯޑް ކޮށްފައެވެ.
އެޕްލިކޭޝަނަށް އޮތް ޑިމާންޑާއެކު ކުންފުނީގައި މިހާރު ތިބި 200 ސްޓާފުންގެ އަދަދު 10،000ށް ވުރެ ގިނަ މީހުންނަށް އިތުރު ކުރަން ހަމަޖެހިފައިވާ ކަމަށް ބަންގާޑިއާ ވިދާޅުވެއެވެ.