ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 13:07
ސްޕަލް އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ސްޕަލް އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާން އެއްވަރުވިއިރު، އިންޓައަށް ބޮޑު މޮޅެއް
ސްޕަލް އާއި މިލާން އެއްވަރުވީ 2-2 ން
ބްރެޝިއާ އަތުން އިންޓަ މޮޅުވީ 6-0 ން

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ސްޕަލް އާއި އޭސީ މިލާން އެއްވަރުވިއިރު، ބްރެޝިއާ އަތުން އިންޓަ މިލާން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން މިލާން އެއްވަރުވީ ސްޕަލްއާ 2-2 ންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސްޕަލްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި މަޓިއާ ވަލޯޓީ ސްޕަލްއަށް ލީޑު ނަގައިދިންއިރު، މެޗުގެ 30 ވަނަ މިނެޓުގައި އެޓީމުން ލީޑު ފުޅާކުރީ ސާޖިއޯ ފްލޮކާރީ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ.

ފުރަތަމަ ހާފުގައި ހަކަން ޗަނޮނޮގްލޫ މިލާނަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ން ވަނީ އެ ލަނޑު އޮފްސައިޑް ކަމަށް ނިންމާފައެވެ. މެޗުގައި ސްޕަލްއަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެޓީމުގެ މާކޯ ޑަލެސަންޑްރޯއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.

ދެވަނަ ހާފުގައި މިލާނުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 79 ވަނަ މިނެޓުގައި ރަފައެލް ލިއޯގެ ލަނޑުން އެޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. އަދި މެޗުގައި މިލާނުން ނަތީޖާ އެއްވަރުކޮށްފައިވަނީ އިތުރު ވަގުތުގައެވެ. މި ލަނޑަކީ ސްޕަލްގެ ފްރަންޗެސްކޯ ވިކާރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އިންޓަ އާއި ބްރެޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 6-0 ން

މީގެ އިތުރުން ލީގުގައި ބުދަ ދުވަހުގެރޭ އިންޓަ ކުޅުނު މެޗުން މޮޅުވީ ބްރެޝިއާ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އިންޓައަށް ލީޑު ނަގައިދިނީ އޭޝްލީ ޔަންގެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެލެކްސިސް ސަންޗޭޒް އިންޓައަށް ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޑެނީލޯ ޑަމްބްރޯސިއޯ ވަނީ އިންޓަގެ ތިންވަނަ ލަނޑު ޖަހާފައެވެ.

ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި އިންޓަގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޮބާޓޯ ގަގްލިއާޑިނީއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން އިންޓަގެ ފަސްވަނަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުން މި މެޗުގައި ކާމިޔާބުކުރި ފަހު ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ކަންޑްރޭވާއެވެ.

މި ނަތީޖާތަކާއެކު އިންޓަ ތާވަލުގެ ތިންވަނައިގައި އޮތީ 29 މެޗުން 64 ޕޮއިންޓާއެކުއެވެ. އަދި ސްޕަލްއާ އެއްވަރުވި މިލާން އޮތީ ތާވަލުގެ ހަތްވަނައިގައި 29 މެޗުން 43 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް