ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 02:08
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
މަޖިލިސް
އެފްއޭއެމްގެ ކުއްލި މައްސަލަ
މެންބަރު އާޒިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެން: މާޒިޔާ
"މިއީ ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ކުރަމުންދާ މަސައްކަތެއް"
މާޒިޔާގެ އިތުރުން ޓީސީ، އީގަލްސް، ޔޫވީ އަދި ކްލަބު ގްރީން ސްޓްރީޜްސްއިން ވެސް ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި
ފީފާއިން ވަނީ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފައި

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަސައްކަތް ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބުނެފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވސް (އެފްއޭއެމް) އާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާ ދޭތެރޭގައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެންބަރު އާޒިމް ވަނީ އަންގާރަ ދުވަހު ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އަދި މި މައްސަލަ ވަނީ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.

އެއާއެކު ބުދަ ދުވަހުގެ ވަގުތެއްގައި ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާއިން ވަނީ ދީފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމްއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރާ ގުޅިގެން، އެ ކްލަބުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. ސަބަބަކަށް ބުނެފައިވަނީ މެންބަރު އާޒިމަކީ ވާދަވެރި ކްލަބެއް ކަމަށްވާ ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަނަކަށްވެފައި، އެ ކްލަބަށް މި ވަގުތު ދިމާވެފައިވާ ހާލަތުގެ ސަބަބުން، އަމިއްލަ މަސްލަހަތު އިސްކޮށް، ޒާތީ ގޮތުން އެފްއޭއެމް އާއި އެހެން ކްލަބުތަކާއި މުޅި ފުޓްބޯޅަ އާއިލާއަށް ގެއްލުންވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ގަބޫލުކުރުމުގެ ޖާގަ އޮތުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މެންބަރު އާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރަކީ، އެއްވެސް ހަގީގަތެއްގެ ނެތް، ދޮގު މައުލޫމާތަކަށް ހުށަހަޅާފައިވާ ގަރާރެއްގެ ކަމަށް ދެކޭ ކަމަށާއި، މިއީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އެފްއޭއެމް ގުޅިގެން މަސައްކަތް ކުރެވޭ ވަގުތެއްގައި، އެ މަސައްކަތްތަކަށް ހުރަސްއަޅައި، ފުޓްބޯޅައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުންވެސް ވަނީ މެންބަރު އާޒިމް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކްލަބުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމްގެ އިންތިޚާބަށް ދެ ދުވަހަށް ވެފައިވަނިކޮށް، މިފަދަ ގޮތަކަށް ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކުޅިވަރުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި ފުޓްބޯޅަ ކުޅެގެން އާމްދަނީ ހޯދަމުންދާ އެތަކެއް ޒުވާނުންގެ މުސްތަގުބަލަށް ނުވިސްނާ، ދިވެހިރާއްޖެ ފުޓްބޯޅައިން ސަސްޕެންޑު ކުރުމުގެ ނިޔަތުގައި ސިޔާސީ ބޭފުޅެއް މިކަން ކުރުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.

މި ދެ ކްލަބުގެ އިތުރުން ކްލަބު އީގަލްސް، ޔުނައިޓެޑް ވިކްޓަރީ އަދި ކްލަބު ގްރީން ސްޓްރީޓްސްއިންވެސް ވަނީ އެކަން ކުށްވެރިކޮށް ނޫސް ބަޔާން ނެރެފައެވެ. މެންބަރު އާޒިމްގެ އަމަލުތައް ކްލަބުތަކުން ކުށްވެރި ކުރިއިރު، ކުރިއަށް އޮތް އެފްއޭއެމްގެ އިންތިޚާބުގައި އެ އިދާރާގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރަން މާޒިޔާ، ޓީސީ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު، ޔޫވީ، ގްރީން ސްޓްރީޓްސް އަދި އީގަލްސްއިން ވަނީ ނިންމާފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކުރި އެފްއޭއެމްގެ އިންތިޚާބީ ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ފީފާއިން ވަނީ މި ތާރީޚުގައި އެފްއޭއެމްގެ ކޮންގްރެސް ބޭއްވޭނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް