ކ. މާލެ
|
1 ޖުލައި 2020 | ބުދަ 19:32
މިދިޔަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އަލްޖީރިއާ ޓީމު
މިދިޔަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އަލްޖީރިއާ ޓީމު
ގެޓީ އިމޭޖަސް
އެފްރިކާ ކަޕް ފަސްކުރުން
އެފްރިކާ ކަޕް އޮފް ނޭޝަންސް 2022 ވަނަ އަހަރަށް ފަސްކޮށްފި
ކުރިން މި މުބާރާތް ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހަށް

އަންނަ އަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް 2022 ވަނަ އަހަރަށް ފަސްކޮށްފިއެވެ.

ކުރިން މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކެމަރޫންގައެވެ. އެކަމަކު އަންގާރަ ދުވަހުގެ ވަގުތެއްގައި ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން ވަނީ މި މުބާރާތް 2022 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ފަސްކުރުމަށް ނިންމާފައެވެ.

2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެފްރިކާ ކަޕް އޮފް ނެޝަންސް ބާއްވާއިރު، އެ އަހަރުގެ ހޫނު މޫސުމުގައި ފީފާ ވޯލްޑް ކަޕްވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ ކުރިން ވޯލްޑް ކަޕް ބާއްވާ އަހަރެއްގައި އެފްރިކާ ކަޕް އޮފް ނޭޝަންސް ބޭއްވީ 2010 ވަނަ އަހަރެވެ.

ކުރިއަށް އޮތް އެފްރިކާ ކަޕް އޮފް ނެޝަންސް ޖެނުއަރީ މަހު ބާއްވާއިރު، ޔޫރަޕްގެ ކްލަބުތަކުގައި ފުޓްބޯޅަ ކުޅޭ ދުވަސްވަރު ކަމަށްވާތީ އެންމެ ފަހުން ބޭއްވި މި މުބާރާތް ކުރިއަށްދިޔައީ މިދިޔަ އަހަރު މިސްރުގައި ޖޫން އަދި ޖުލައި މަހުގައެވެ. އެކަމަކު ކުރިއަށް އޮތް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫނުން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއާ މަޝްވަރާ ކުރުމަށްފަހު ވަނީ އަނެއްކާވެސް ކުރިން އޮތް ގޮތަށް ޖެނުއަރީ މަހު މުބާރާތް ބާއްވަން ނިންމާފައެވެ.

މުބާރާތް ބަދަލުކުރުމުގެ ސަބަބެއްގެ ގޮތުން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްއިން ބުނީ އެފްރިކާ ބައްރަކީ ހޫނުގަދަ ގައުމަކަށްވާއިރު، އާންމު ގޮތެއްގައި ހޫނު މޫސުމުގައި މުބާރާތް ކުރިއަށް ގެންދެވޭ ވަރަށް ވުރެން ހޫނު ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ލަފާދީފައިވާ ކަމަށެވެ.

މިދިޔަ އަހަރު އެފްރިކާގެ ޗެމްޕިއަންކަން ހޯދީ އަލްޖީރިއާ އިންނެވެ. އަލްޖީރިއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ސެނެގޯލް ބަލިކުރުމަށްފަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް