ކ. މާލެ
|
1 ޖުލައި 2020 | ބުދަ 13:07
ޖެނޯއާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-1 ން
ޖެނޯއާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޖެނޯއާ ބަލިކޮށް ޔުވެންޓަސްއިން ލީޑު ދަމަހައްޓައިފި
ޖެނޯއާ އަތުން ޔުވެންޓަސް މޮޅުވީ 3-1 ން
ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ 72 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި އަންގާރަ ދުވަހުގެރޭ ޖެނޯއާ ބަލިކޮށް ޔުވެންޓަސްއިން ތާވަލުގެ އެއްވަނައިގައި ލީޑު ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ޔުވެންޓަސްއިން ވަނީ ޖެނޯވާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ ހަވަނަ މިނެޓުގައި ޔުވެންޓަސްގެ ޕައުލޯ ޑިބާލާ ވަނީ ނުރައްކާތެރި ހަމަލާއެއް ޖެނޯއާގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ޔުވެންޓަސްގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން އެޓީމުން ކުރަމުން ގެންދިޔަ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 50 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯގެ އެހީތެރިކަމާއިއެކު ޑިބާލާއެވެ.

އަދި އޭގެ ހަ މިނެޓު ފަހުން މިރަލެމް ޕިޔަނިޗްގެ އެހީތެރިކަމާއިއެކު ޔުވެންޓަސްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮނާލްޑޯއެވެ. ޔުވެންޓަސްގެ ފަހު ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑިބާލާގެ އެހީއާއެކު ޑަގްލަސް ކޮސްޓާއެވެ. މެޗުގައި ޖެނޯއާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަންދްރޭ ޕިނަމޮންޓީއެވެ.

މިނަތީޖާ އާއެކު ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 29 މެޗުން ލިބުނު 72 ޕޮއިންޓާއެކުގައެވެ. އަންގާރަ ދުވަހުގެރޭ ޓޮރިނޯ އަތުން 2-1 ން މޮޅުވި ލާޒިއޯ ދެވަނައިގައި އޮތީ 29 މެޗުން 68 ޕޮއިންޓު ހޯދައިގެންނެވެ. އަދި ތާވަލުގެ ތިންވަނައިގައި އިންޓަ މިލާން އޮތީ 28 މެޗުން 61 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް