ކ. މާލެ
|
1 ޖުލައި 2020 | ބުދަ 12:51
ބްރައިޓަން އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ން
ބްރައިޓަން އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ބްރައިޓަން އަތުން ޔުނައިޓެޑަށް މުހިންމު މޮޅެއް
ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވީ 3-0 ން
މި މެޗުގައި ބްރޫނޯ ފެނާންޑޭސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައި

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ބްރައިޓަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރެއްގެ ރޭހުގައި މުހިންމު މޮޅެއް ހޯދައިފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔުނައިޓެޑުން ވަނީ ޖެހިޖެހިގެން 15 މެޗު ބަލިނުވެ ފުރިހަމަކޮށްފައެވެ.

މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 16 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އާރޮން ވެން-ބިސާކާގެ އެހީއާއެކު ޔުނައިޓެޑަށް ލީޑު ނަގައިދިނީ މޭސަން ގްރީންވުޑްއެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރޫނޯ ފެނާންޑޭސްއެވެ.

ދެވަނަ ހާފުގައިވެސް ޔުނައިޓެޑުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ގްރީންވުޑްގެ އެހިއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ފެނާންޑޭސްއެވެ. މިއީ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެނާންޑޭސް އެޓީމަށް ޖަހައިދިން ހަވަނަ ލަނޑެވެ.

މި މޮޅާއެކު ޔުނައިޓެޑް ފަސްވަނައަށް ޖެހިލިއިރު، ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ ކުޑަވެފައެވެ. ޗެލްސީއަށް 31 މެޗުން 54 ޕޮއިންޓު ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ޔުނައިޓެޑާއި ހަވަނައިގައި އޮތް ވުލްވްސްއަށް ވަނީ 32 މެޗުން 52 ޕޮއިންޓު ލިބިފައެވެ.

ޔުނައިޓެޑް އަތުން ބަލިވި ބްރައިޓަން އޮތީ ތާވަލުގެ 15 ވަނައިގައި 32 މެޗުން 33 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް