ކ. މާލެ
|
1 ޖުލައި 2020 | ބުދަ 09:31
ބްރެޒިލްގެ ރައީސް ޖެއި ބޮލްސޮނާރޯ އަދި އިސްތިއުފާ ދެއްވި އެޑިއުކޭޝަން މިނިސްޓަރ
އޭއެފްޕީ
ބްރެޒިލްގެ އެޑިއުކޭޝަން މިނިސްޓަރ
ތައުލީމީ ގާބިލުކަމާއި މެދު ޝައްކު އުފެއްދުމުން، ބްރެޒިލްގެ އައު އެޑިއުކޭޝަން މިނިސްޓަރ އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވާފައިވަނީ މަގާމަށް އައްޔަނުކުރެއްވިތާ 5 ދުވަސް ފަހުން
ސީވީގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތު ކުރެވޭ
ތައުލީމީ ދާއިރާތަކާއި ބެހޭ ގޮތުން ވަނީ ބޮޑެތި އޮޅުވާލުންތަކެއް

ތައުލީމީ ގާބިލުކަމާއި މެދު ޝައްކު އުފެއްދުމުން، ބްރެޒިލްގެ އައު އެޑިއުކޭޝަން މިނިސްޓަރ އިސްތިއުފާ ދެއްވައިފިއެވެ.

ބްރެޒިލްގެ މީޑިއާތަކާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާގޮތުން، އައު އެޑިއުކޭޝަން މިނިސްޓަރ ކަރލޯސް ޑީކޮޓެލީ ވަނީ އިސްތިއުފާގެ ސިޓީ ބްރެޒިލްގެ ރައީސް ޖެއި ބޮލްސޮނާރޯ އަށް އަރުވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ ސީވީގައި ތައުލީމީ ފެންވަރު އޮޅުވާލާފައިވާކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކާއި ގުޅިގެން މަގާމާއި ހަވާލުވެވަޑައިގެންނެވިތާ 5 ދުވަސް ފަހުންނެވެ.

ޑީކޮޓެލީ ވަނީ އޭނާގެ ތައުލީމީ ހަޔާތް ހިއްސާ ކުރައްވަމުން، ބްރެޒިލްގެ ޒޭޓަލޫ ވާރގަސް ފައުންޑޭޝަންއިން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވިކަމާއި އާރޖެންޓީނާގެ ޔުނިވަރސިޓީ އޮފް ރޮސާރިއޯއިން ޑޮކްޓަރޭޓް ހާސިލްކޮށް، ޖަރުމަން ވިލާތުގެ ވުއްޕަޓަލް ޔުނިވާރސިޓީން ޕޯސްޓް ޑޮކްޓަރޭޓް ހާސިލް ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މިކަން ހާމަވުމާއި އެކު އާރޖެންޓީނާގެ ޔުނިވާރސިޓީ އޮފް ރޮސާރިއޯގެ ވައިސް ރެކްޓަރ ވަނީ ޑީކޮޓެލީ އެ ޔުނިވަރސިޓީން ޑޮކްޓަރޭޓްއެއް ހާސިލުކޮށްފައިނުވާ ކަމަށާއި ތީސީސް މޮޑިއުލް ނުނިންމާ ކަމަށް ވިދާޅުވެ އެއީ އިތުރުފުޅެއްކަން ފާހަގަކުރައްވާފައެވެ. މިކަމަށް ރައްދު ދެއްވައި ޑީކޮޓެލީ ވަނީ، އޭނާ ތީސިސް ބައި ނުނިންމީ އިތުރަށް އަތުގައި ފައިސާ ނެތި އެނބުރި ބްރެޒިލް އަށް އަންނަން ޖެހުމުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ބްރެޒިލްގެ ޔުނިވަރސިޓީން ވެސް ވަނީ ޑީކޮޓެލީގެ ސީވީގައި ފާހަގަކޮށްފައިވާ ގޮތަށް، 2016 ވަނަ އަހަރުން ފެށިގެން 2018ގެ ނިޔަލަށް އޭނާ ސްކޫލެއްގެ ޕްރޮފެސަރެއްގެ ގޮތުގައި ކިޔަވައިދެއްވި ކަމަށް ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށް ބުނެފައެވެ. ޑީކޮޓެލީ އިސްއުފާ ދެއްވާފައިވަނީ މިކަމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެ.

ޑީކޮޓެލީއަކީ ފާއިތުވެގެންދިޔަ 18 މަސްދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރގެ މަގާމަށް އައްޔަން ކުރެއްވިި ތިންވަނަ ބޭފުޅާއެވެ.

- ކޮމެންޓް