ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި އަދި މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމަގެ މައްސަލައިގައި ވޯޓް ނެގުމުގެ ޖާގަ ނުދޭނެ ކަމަށް ޕީޕީއެމް ޕީޖީ ގުރޫޕުން ބުނެފިއެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ފަރާތުން އާދީއްތަ ދުވަހު ހަވީރު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވީ ޒިންމާދާރު ކަމައް ނެތި މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާ ވޯޓް ނެގުން ހުއްޓުމަކަށް ގެނައުމަށްޓަކައި މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހު ގެންނާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްގެ އިތުބާރު ނެގުންހުއްޓުމަކަށް ގެނައުމަށް ޖަހަން ޖެހޭ "ވެކްސިން" ހޯމަ ދުވަހު ޖަހާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާނު މިހެން ވިދާޅުވެފައިވާއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބޭރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކުރަން މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ނިހާން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް މަސިޙުގެ އިތުބާރު ނެތްކަމަގެ މައްސަލަ އާއި އަދި ނައިބް ރައީސްގެ އިތުބާރު ނެތްމުގެ މައްސަލާގެ ވޯޓް ވެސް ކުރިއަށް ގެންދަން ހުށަހަޅާނީ ރޯލް ކޯލް ވޯޓް ނަގައިގެން ކަމަށެވެ. އަދި ރޯލް ކޯލް ވޯޓް ނަގައިގެން މަޖިލީހުގައި ކަންތައްތައް ފާސްކުރުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފް ކަމެއް ނޫން ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގިފަހުން އަދި މަޖިލީހުގައި ސީދާ ގޮތެއްގައި އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަަމުގެ މައްސަލަ ދެ ވަނަ ފަހަރަށް ވަންދަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ނިހާން ވިދާޅުވީ އެއްވެސް ސަބަބެއް ނެތި މަޖިލީހުގެ ރައީސްއާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖީލީހަށް ހުށަހެޅުމުގެ މަގުސަދަކީ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ގޮތް ހަދާ މަޖިލިސް ތަޅުއަޅުވާފައި ބޭއްވުން ކަމަށް ނިހާން ވިދާޅުވިއެވެ. ނަމަވެސް އެ ޖާގަ ނުދެއްވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މިހާރުވެސް ރައްޔިތުންނާ ގުޅުންހުރި ވަރަށް މުހިންމު ބިލްތަކެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން ގޯތިގެދޮރާއި ގުޅުންހުރި ވަރަށް މުހިންމު ބިލެއް މިހާރު ވެސް ތައްޔާރު ކޮށްފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް މި ގެންނަ އިސްލާހުގެ ސަބަބުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރެވި މަޖިލީހުން ބޭރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނައިބް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހު ވިދާޅުވީ މާޗް މަހުގެ 27 ވަނަ ދުވަހު ނެގި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓް ނެގި ދުވަހު ހިނގާދިޔަ ކަންތައްތައް ބަލައި މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލުކުރެއްވި މެމްބަރުންގެ މައްސަލަ ސުލޫކް ކޮމެޓީ އަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ބެލުމަށް ފަހު ފިޔަވަޅުއަޅަން ޖެހޭ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.