މިދިޔަ މެއި މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންތައް ކުޑަކުރުމަށް އަދި ކުރެވެމުންދާ މަސައްކަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ރިޕޯޓް މަޖިލީހުން ފާސްކުރީ، ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގައި، މިދިޔަ މެއި މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންތައް ކުޑަކުރުމަށް އަދި ކުރެވެމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އެގޮތުން ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލާއިރު، މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ރަށްތަކުގައި ޑްރެއިނިން ސިސްޓަމްތައް ހަރުކުރުމަށް ޑިޒައިން ކުރެވިފައިވާކަމާއި، ބައެއް ރަށްރަށުގައި ގުދުރަތީ ގޮތުން ފެންހިނދޭ ގޮތަށް އަދި އަނެއްބައި ރަށްރަށުގައި ޕަންޕުތައް މެދުވެރިކޮށް ފެން ހިންދޭ ގޮތަށް ޑިޒައިން ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށްފައިވެއެވެ.
ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމަކީ ކުރަން ރަނގަޅުކަމެއް ކަމުގައިވިޔަސް، އެއީ ވަރަށް ޚަރަދު ހިނގާނެ ކަމެއްކަމާއި، އަދި އެންމެ ރަނގަޅު ގޮތަކީ ގުދުރަތީ ގޮތުން ފެން ހިނދޭ ގޮތަށް ހުރި ރަށްރަށުގެ ވެއްޓަށް ބަދަލު ގެނެވޭއިރު، ގުދުރަތީ މުހިއްމު މިފަދަ ސިފަތަކަށް ބަދަލު ނާންނާނެ ގޮތަކަށް ކަންކަން ރޭވުންކަން ވެސް ކޮމެޓީ ރިޕޯޓުގައި ވެއެވެ.
މިފަހަރު އެންމެ ބޮޑަށް ފެން ބޮޑުވި އައްޑޫ ސިޓީގެ ފޭދޫގައި ސްޓޯމް ވޯޓަރ ޑްރައިނޭޖް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމާއި، މިހާރު ނުނިމި ހުރި މަސައްކަތަކީ ޕަންމްޕްތައް ހިންގުމަށްޓަކައި ބޭރުން ގެންނަން ޖެހޭ ޕެނަލްތަކެއް ގެނެސް ހަރުކުރުންކަން ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން، މާލޭގައި ފެންބޮޑުވާ ކޮންމެ ހާދިސާއެއްގައި ފެންވަދެ ގެއްލުން ލިބޭ ކަމަށް ފާހަގަކުރެވިފައިވާ 20 ގެ އަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރެވެން ހުރި ކަންކަމާމެދު ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރެވެމުންދާކަމުގެ މައުލޫމާތު ކޮމެޓީއަށް ލިބިފައިވާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.
ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ވަގުތީ ގޮތުން ރަސްފަންނު ބޭނުން ކުރެވޭވަރަށް މަރާމާތު ކުރުމަށް ވެސް ބޮޑު ޚަރަދެއް ހިނގާކަމަށާއި، އަދި އެތަން ދެމެހެއްޓުމަށް ބޮޑު ޚަރަދެއް އާންމު ގޮތެއްގައިވެސް ހިނގާ ކަމަށް ވެއެވެ. އަދި ގޮނޑުދޮށުގެ ވެލިގަނޑު ބޭއްވެނީ، އާޓިފިޝަލް ބީޗުން ވެލި ގެނެސް، ވެލި އަޅައިގެންކަން ކޮމެޓީގެ ހޯދުންތަކުން އެނގިފައިވާ ކަމަށް ވެސް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މާލޭގައި ފެންބޮޑުވިޔަ ނުދިނުމަށްޓަކައި ވެސްޓް ޕާކް އަދި އައިޖީއެމްއެޗް ސަރަހައްދުގައި ޕަމްޕް ސްޓޭޝަން ގާއިމުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
މީގެއިތުރުން، ސިނަމާލެ ބްރިޖުން ފައިބާ ފެން މާލެތެރެއަށް އަޔަނުދީ، ހިންދުމަށްޓަކައި ބްރިޖްގެ ދަށުގައި ފެން ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެޓީގެ މި ހޯދުންތަކާއި ގުޅިގެން، ކަމާބެހޭ އިދާރާތަކަށް ކޮމެޓީގެ ހުށަހެޅުންތަކެއް ވެސް ރިޕޯޓުގައި ހިމަނާފައި ވެއެވެ.
އެގޮތުން، ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމަށްޓަކައި، ކޮންމެ ރަށަކަށް އެންމެ އެކަށީގެންވާ ޑްރެއިނޭޖް ނިޒާމަކީ ކޮބައިކަން ދެނެގަތުމަށް ހާއްސަ ޕްރޮގްރާމެއް އެކުލަވާލައި، ކުރަންޖެހޭ ސަރވޭތައް ފުރިހަމަކޮށް، އެ ސަރވޭތަކުގެ މައްޗަށް ބިނާކޮށް ކޮންމެ ރަށަކަށް އެންމެ އެކަށީގެންވާ ހައްލެއް ދެނެގަތުމާއި، މިކަމަށް ހިނގާނެ ޚަރަދާއި، މަސައްކަތަށް ހޭދަވާނެ މުއްދަތާއި، މަސައްކަތް ހިނގާނެ ގޮތުގެ ޕްލޭނެއް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ތައްޔާރުކޮށް، ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމެޓީއަށް ހިއްސާ ކުރުމަށް ކޮމެޓީގެ ހުށަހެޅުުގައި ވެއެވެ.
މީގެއިތުރުން، ކޮމެޓީން ހޯދިފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ނިންމަން ހުރި މަސައްކަތްތައް ނިންމުމާއި، ހަދަންޖެހޭ ޕްލޭންތައް ހެދުމަށާއި މަސައްކަތްތައް ހިނގަމުންދާ ގޮތް ކޮމެޓީއަށް ހިއްސާ ކޮށްދިނުމަށް ވަކިވަކި މުއްދަތުތަކެއް ކަނޑައަޅައި، ކަމާބެހޭ މުއައްސަސާތަކުން އެ މުއްދަތުގެ ތެރޭގައި ކޮމެޓީއާ ހިއްސާ ކުރުމަށް ކޮމިޓީން ވަނީ އެދިފައެވެ.