ކ. މާލެ
|
29 ޖޫން 2020 | ހޯމަ 12:52
ޕާމާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން
ޕާމާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އިންޓަ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
މިލާނުގެ ދެ ޓީމަށްވެސް މޮޅެއް
ޕާމާ އަތުން އިންޓަ މޮޅުވީ 2-1 ން
ރޯމާ އަތުން މިލާން މޮޅުވީ 2-0 ން

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން އިންޓަ މިލާނާއި އޭސީ މިލާންވެސް މޮޅުވެއްޖެއެވެ.

އިންޓަ މޮޅުވީ އާދީއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން ޕާމާ އަތުން 2-1 ންނެވެ.

ޕާމާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖާވީނިއޯއެވެ.

މެޗުގައި އިންޓައިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. މެޗުގެ 84 ވަނަ މިނެޓުގައި ސްޓެފަން ޑި ވްރައި އިންޓައަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން އިންޓައަށް ލީޑު ނަގައިދިނީ އަލެސަންދްރޯ ބަސްޓޮނީއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ރަތް ކާޑު ވަނީ ފެނިގެންގޮސްފައެވެ. މެޗުގައި ސީދާ ރަތް ކާޑު ދެއްކީ އިންޓަގެ ގޯލްކީޕަރު ޓޮމަސޯ ބާނީ އާއި ޕާމާގެ ޔުރާޖް ކުޗުކާ އަށެވެ.

މިލާން އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން މިލާން މޮޅުވީ 2-0 ން

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އޭސީ މިލާން މޮޅުވީ ރޯމާ އަތުން 2-0 ންނެވެ.

މިލާނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި މިލާނުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ އަންޓެ ރެބިޗެވެ. އަދި މި މެޗުގައި މިލާނުން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ހަކަން ކަލްހަނޯގްލޫއެވެ.

މި ނަތީޖާއާއެކު މިލާން އޮތީ ތާވަލުގެ ހަތްވަނައިގައި 42 ޕޮއިންޓާއެކުއެވެ. އަދި ރޯމާ އޮތީ 48 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ޕާމާ އަތުން މޮޅުވީ އިންޓަ އޮތީ ތާވަލުގެ ތިންވަނައިގައި އޮތީ 61 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްއަށް 69 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ލާޒިއޯއަށް ލިބިފައިވަނީ 65 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް