ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
ހޯމަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި މި މައްސަލަ ހުށައެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އަދި މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރަން ފެންނަ ކަމަށް 35 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މައްސަލަ ހުށައަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ، މިކަންކަމަށް ބަލާއިރު ފުލުހުން އަމަލުކޮށްފައިވާ ގޮތުން ޖިންސީ ގޯނާ ލިބުނު މީހާގެ ހައްގުތަކަށް އުނިކަމެއް އައިސްފައިވާ ކަމަށް ބެލެވޭ ކަމަށާއި، މައްސަލައަށް އެކި ނުފޫޒު ފޯރުވަމުންދާތީ މިނިވަންކަމާ އެކީގައި މައްސަލަ ތަހުގީގުކޮށްފާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
މި މައްސަލައަށް ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، މި މައްސަލައިގައި 2 ކަންބޮޑުވުމެއް ފާހަގަވާ ކަމަށެވެ. އެގޮތުން އަންހެނުންނަށް ރައްކާތެރިކަން ނެތުމާއި، ބާރު ގަދަ މީހުންނަށް އިންސާފުގެ ކުރިމައްޗަށް އައުމުން ރެކިގަނެވޭ މައްސަލައިގެ ކަންބޮޑުވުން އޮތްކަން އީވާ ފާހަގަ ކުރެއްވިއެވެ.
އީވާ ވިދާޅުވީ، އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާ (ވިކްޓިމް) އަށް އިންސާފު ހޯދައި ދެއްވާނެ ކަމަށާއި، މަޖިލީހުން މި މައްސަލަ ބަލަނީ ވެސް މި މައްސަލައިގެ ބޮޑުކަމުން ކަމަށެވެ. އަދި ޖިންސީ އަނިޔާއާ ގުޅޭ ޤާނޫނުތަކުގައި ހެކިބަސް ނެގުމަށް ވަކި ގޮތްތަކެއް އޮންނަކަން ފާހަގަ ކުރައްވައި އީވާ ވިދާޅުވީ، މިފަދަ މައްސަލައިގައި ހެކިބަސް ނެތްކަމަށް ބުނެ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ސަލާމަތްވުމަކީ ޤާނޫނުގެ ރޫޚާ ޚިލާފު ކަމަށެވެ. އެކަން މި މައްސަލަ އަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ފާހަގަ ކުރައްވާފައިވެއެވެ.
އޭގެ އިތުރުން، މި މައްސަލަ އިންސާފުވެރިކަމާއެކު، އަދި ހާމަކަން ބޮޑު ގޮތަކަށް ބެލުމަށް ގިނަ މެމްބަރުން ވަނީ ގޮވާލައްވާފައެވެ.