ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ، މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަން ކަށަވަރުކުރުމަށްޓަކައި އެމައްސަލަ ބަލައިދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅައިފިއެވެ.
މިމައްސަލަ އެންއައިސީއަށް ހުށަހަޅާފައިވަނީ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ. އެންއައިސީން މިމައްސަލަ ބަލާތޯ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ކަށަވަރު ކުރާނެ ކަމަށްވެސް އެކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު އުޝާމް ވިދާޅުވިއެވެ.
އުޝާމް އިތުރަށް ވިދާޅުވީ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް 26 ޖޫން 2020 ވަނަ ދުވަހުގެ ރޭ ޖިންސީ ގޯނާކުރި މައްސަލައެއްގައި، ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށް، ހިނގާދިޔަ ކަންކަމުގައި ފުލުހުން އަމަލުކޮށްފައިވާގޮތާ ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށެވެ.
މައްސަލައިގެ ތަހުގީގުގައި ފުލުހުން ކަންކަން ކޮށްފައި ވަނީ މިފަދަ މައްސަލަތަކުގައި މީގެ ކުރިން އަމަލުކުރަމުން އަންނަ އުސޫލުތަކާ ޚިލާފަށްކަން، މި މައްސަލައިގައި މިހާތަނަށް ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ކަމަށެވެ. އަދި މި މައްސަލައިގައި ފުލުހުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އުސޫލުތަކާ ހިލާފަށް އަމަލު ކުރަމުން އަންނަ ކަމަށާއި، އަދި ބައެއް ފަރާތްތަކުގެ ނުފޫޒުގެ ފުލުހުންގެ ތެރޭގައި އޮންނަކަމުގެ ތުހުމަތުތައް ވެސް ކުރެވެމުންދާ ކަމަށް، އެންއައިސީއަށް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ އިދާރާ ފަދަ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކުރާ ގާނޫނާ ޚިލާފް ކަންކަން ބަލައި، ތަހްގީގުކުރުމާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތައް ހިނގަމުންދަނީ ޤާނޫނާއި ގަވައިދާ އެއްގޮތަށްކަން ބެލުމަކީ އެންއައިސީގެ މައްޗަށް ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން) ގެ ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.
ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުން އަމަލުކޮށްފައި ވަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ އެންއައިސީން އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގުކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ދެކޭތީ، އެންއައިސީއަށް ޤާނޫނުން ލިބިދޭ ބާރުތަކުގެ ތެރެއިން މި މައްސަލަބައްލަވައި ދެއްވުން އެދި ދެންނަވާ ކަމަށް އެންއައިސީއަށް އުޝާމް ހުށަހަޅުއްވާފައިވާ މައްސަލައިގައި ވެއެވެ.
މި މައްސަލަ ދިރާސާ ކުރުމަށް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ވެސް ވަނީ ބަލަން ނިންމާފައެވެ. އެގޮތުން ހޯމަ ދުވަހު އެކޮމެޓީގެ ބައްދަލުވުމަށް މިމައްސަލަ ވަނީ އެޖެންޑާ ކޮށްފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ.
މި މައްސަލައިގެ ތުހުމަތުގައި، ކުށުގެ ވެށިން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން އޭރު ބުނެފައި ވެއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ދޫކޮށްލުމުން އަމާޒު ފާޑުކިޔުންތަކާއި ގުޅިގެން ފުލުހުންގެ މީޑިއާއިން ބުނީ، އެ މީހުން ދޫކޮށްލާފައިވަނީ ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.