ޗައިނާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރަމުންދާ މީހުންގެ އަދަދުތައް މައްޗަށް ދާން ފަށައިފި އެވެ.
ފާއިތުވި ހަތަރު ދުވަހުގެ ތެރެއިން ހޮނިހިރު ދުވަހު ވަނީ ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން ރިޕޯޓްކޮށްފަ އެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނާގޮތުގައި ހުކުރު ދުވަހު އެގައުމުން 21 މީހަކަށް ވަނީ އަލަށް ވައިރަސް ޖެހިފަ އެވެ. އޭގެކުރީ ދުވަހު އަލަށް ވައިރަސް ޖެހިފައިވަނީ 13 މީހުންނަށެވެ.
އަނެއްކޮޅުން ޗައިނާގައި މިވަގުތު އެންމެ ގިނައިން ކޭސްތައް ފެންނަ ބެއިޖިންގ ގައި ހޮނިހިރު ދުވަހު 17 މީހަކަށް އަލަށް ކޮވިޑް-19 ވަނީ ޖެހިފަ އެވެ. އޭގެކުރީ ދުވަހު 11 މީހަކަށް ވަނީ ވައިރަސް ޖެހިފަ އެވެ.
ޖޫން މަހުގެ 11 ވަނަ ދުވަހު ބެއިޖިންގ އިން އައު ކޭސްތައް ފެންނަން ފެށިފަހުން މިހާތަނަށް އައިއިރު 297 މީހަކަށް ވަނީ އެސިޓީން އަލަށް ވައިރަސް ޖެހިފަ އެވެ. އެއާއެކު 20 މިލިއަން މީހުން ދިރިއުޅެމުން އަންނަ ބެއިޖިންގ ގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ޗައިނާއަށް އެތެރެވި މީހުންގެ ތެރެއިން ހަތަރު މީހަކަށް ހުކުރު ދުވަހު އަލަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.
ޗައިނާއިން މިހާތަނަށް އައިއިރު 83،483 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފަ އެވެ.