ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ޚާއްސަ ޕާރކިންގް ޒޯނެއް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.
ހޮނިހިރު ދުވަހު މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ހަތަރު ފުރޮޅުލީ ވަކި ސައިޒަކުން ދަށުގެ އުޅަނދު ފަހަރު ޕާކް ކުރެވޭ ގޮތަށް ދޫކޮށްފައިވަނީ އަގު ދީގެން ޕާކް ކުރާ ގޮތަށް ކަމަށެވެ. އެގޮތުން މި ޒޯން ދޫކޮށްފައި ވަނީ ހެންވޭރު ކާނިވާ ސަރަޙައްދުން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
އޭގެ އިތުރުން، ކާނިވާ ސަރަހައްދުން ޕާކިންގ ޒޯން ކަނޑައަޅައި ފުރުޞަތު ހުޅުވާލުމުން 146 ފަރާތަކުން ޝައުޤުވެރިވެ ފޯމް ހުށަހަޅާފައިވާކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ، މި ސަރަޙައްދުގައި ހިމެނޭ 52 ޖާގަ ދޫކުރީ މިހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހުގެރޭ ބޭއްވި ގުރުއަތުގައި މި ޖާގަތަށް ކަށަވަރުވި ފަރާތްތަކަށް ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ، އުޅަނދެއް ޕާކްކުރުމަށް ދޫކުރާ ކޮންމެ ޒޯނެއްގެ އަގަކީ ކޮންމެ އުޅަނދަކަށް މަހަކު 3000 ރުފިޔާ ކަމަށެވެ.
މި ސަރަޙައްދުން ޖާގަ ދޫކުރުމަށް ފުރަތަމަ ފުރުޞަތު ހުޅުވާލީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ފުރަބަންދާ ގުޅިގެން ޖާގަތަށް ދޫކުރުން ފަސްކޮށްލީކަން ކައުންސިލުން ފާހަގަ ކޮށްފައިވެއެވެ.
އޭގެ އިތުރުންވެސް ހެންވޭރު ސަރަޙައްދުގެ މަގުތަކުން ޕާކިންގް ސަރަޙައްދުތަށް ކަނޑައަޅައި، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ވަރަށް އަވަހަށް ދޫކުރުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި އެކަމާބެހޭ ގޮތުން ކުރަންހުރި މައިގަނޑު މަސައްކަތްތައްވެސް މިހާރު ނިމިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.