ސާބިއަން ސުޕަ ލީގުގެ ޗެމްޕިއަންކަން ހޯދި ރެޑް ސްޓާ ބެލްގްރޭޑުގެ ސީއީއޯ ޒްވެޒްޑަން ޓެރްޒިޗް ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޕޮޒިޓިވް ވެއްޖެއެވެ.
ހުކުރު ދުވަހުގެ ވަގުތެއްގައި ރެޑް ސްޓާގެ ސީއީއޯ ކޮވިޑް-19ށް ޕޮޒިޓިވް ވިއިރު، ލީގު ޗެމްޕިއަންކަން ހޯދާފައިވާ ރެޑް ސްޓާއިން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ވަނީ ސަޕޯޓަރުންގެ ކުރިމަތީގައި ލީގުގެ ފަހު މެޗު ކުޅެފައެވެ.
ރެޑް ސްޓާގެ ސީއީއޯ ޒްވެޒްޑަން ޓެރްޒިޗް ވިދާޅުވީ ލީގު ޗެމްޕިއަންކަން ލިބުމުން ކުރިއަށް ގެންދިޔަ އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ކުރިން ކޮވިޑް-19ށް ޓެސްޓު ކުރި ކަމަށާއި، އެ ފަހަރު ވައިރަހަށް ނެގެޓިވްވި ކަމަށެވެ. އެކަމަކު ފަހުން ދެ ދުވަހެއް ވަންދެން ހުމުގެ އަސަރު އޭނާއަށް ކުރުމާއެކު، އަލުން ކޮވިޑް-19ށް ޓެސްޓު ކުރި ކަމަށާއި، ހުކުރު ދުވަހު ލިބުނު ނަތީޖާއިން އޭނާ ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ސާބިއަން ސުޕަ ލީގުގެ ޗެމްޕިއަންކަން ރެޑް ސްޓާއިން ހޯދިއިރު، މީގެ ކުރިން މިދިޔަ ހަފުތާގެ ތެރޭގައި އެޓީމުގެ ފަސް ކުޅުންތެރިއަކުވެސް ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.
ސާބިއާގައި ކޮވިޑް-19 ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުމާއެކު، މިދިޔަ މެއި މަހު އެ ގައުމުގެ ސަރުކާރުން ވަނީ ލޮކްޑައުނަށް އެޅި ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެގޮތުން މީހުން އެއްވެ އުޅޭ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންދަން ހުއްދަ ވަނީ ދީފައެވެ.
މިހާތަނަށް ސާބިއާއިން 13،500 ށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައިވާއިރު، އެ ގައުމުން ކޮވިޑް-19 ޖެހިގެން 265 މީހަކު ވަނީ މަރުވެފައެވެ.