އިންސާނީވަންތަކަން ގެއްލެނީ ޖާހިލިއްޔަލަތުގެ ސިފަތައް ވެރިވުމުން ކަމަށާއި، އެ ސިފަތަކުން ދުރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
''ޢުންޞުރީ ތަފާތުކުރުމަކީ އިންސާނިއްޔަތާއި ޚިލާފު ޖާހިލީ އާދެއެކެވެ.'' މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިންސާނީ ވަންތަކަން ގެއްލެނީ ޖާހިލިއްޔަލަތުގެ ސިފަތައް ވެރިވުމުން ކަމަށާއި، މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތިގެން އުވިގެން ގޮސްފިނަމަ، އެތަނެއް ގައި ޖާހިލިއްޔަތު އުފަންވެ، އާލާވެގެންދާނެ ކަމަށެވެ.
އެފަދަ މުޖުތަމައެއް ގައި އޮންނާނީ ޖަންގަލީގެ ނިޒާމުކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަސްމަތިފުށު ބޮޑުންނަށް މޮޅުގޮތް އާދައިގެ ދެރަ ނިކަމެތިންނަށް ދެރަ ގޮތް ކަމަށެވެ. ބާރުގަދަ މީހާ ބަލިކަށި މީހާ ޖަހައިގަންނަ އުސޫލުކަން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީން އައީ ޖާހިލިއްޔަތު ނަހަމަކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދިނުމަށް ކަމަށާއި، އިންސާނުންނަކީ އިންސާނީ ވަންތަ ކަމުގައި އެއް މަގާމަކާއި އެއް ހައިސިއްޔަތެއް ލިބިގެންވާ، އެއް ދަރަޖައިގެ އިންސާނާ އުފެދުމުގެ އަސްލާއި، އިންސާނީވަންތަ ކަމުގެ ސިފަތަކާއި، އިންސާނީ އިހްސާސްތަކަށް ބަލާއިރު އިންސާނިއްޔަތުގެ ތިލަފަތް ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ އިންސާނަކަށް ވީތީ، ދޭންޖެހޭ މަގާމާއި، ރަޙުމާއި، ހަމްދަރުދީ އާއި، އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި، ތަފާތު ކުރުމެއް ނުވާ ކަމަށެވެ. ޚުތުބާގައި ބުނީ ނަސްލާއި، ގަބީލާ އާއި، ގައުމާއި، އާއިލާއަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެސް އަގެއް، ބުރަދަނެއް ހުރި އެއްޗެއް ނޫން ކަމަށާއި، މީސްތަކުންގެ ކުލަ އާއި، ބުރުސޫރައާއި، ޖިންސާއި، އުމުރަކީ، އެ މީހުންގެ މެދުގައި ތަފާތު ކުރެވޭނޭ އަސާސެއް ނޫން ކަމަށެވެ. އަދި އާރާއި ބާރާއި، މަގާމާއި، ނުފޫޒާއި، މާލާއި، ޖާހަކީ އިންސާނީ ހަމަހަމަކަމާއި، އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ލޮބުވެތި މުސްލިމް އަޚުންނޭވެ! ތަފާތު އެކި ނަސްލުތަކާއި، އެކި ކުލަތަކާއި، އެކިބަހުރުވަތަކެއްގެ މައްޗަށް އިންސާނިއްޔަތު ލައްވާފައި ވަނީ، ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ތެރެއިންވާ އާޔަތެއްގެ ގޮތުގައެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ. މާނައީ: "އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ބަސްތަކާއި)ކުލަތައް ތަފާތުވެފައިވާކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެކަމުގައި (އެފަދަ ކަންތައް) ދަންނަ މީހުންނަށް ހެކިތަކެއް ވާކަން ކަށަވަރެވެ.ޚުތުބާ![]()
ޚުތުބާގައި ބުނީ އިސްލާމް ދީނުގައި މީސްތަކުންގެ އަދަދާއި، ކުލަޔާއި، ތަނަވަސްކަމަށް ބަލައި ތަފާތު ކުރުމެއް ނުވާ ކަމަށެވެ.
ޚުތުބާގައި ބުނީ ފުރައްސާރަ ކުރުމާއި، ހަޑިހުތުރު ލަގަބުތަކުން އެކަކު އަނެކަކަށް ނަންދީ އުޅުމާއި، ދިމާކުރުން ފަދަ ކަންކަމަކީ، އިޖުތިމާއީ ފޭރާން ވީދި މުޖްތަމައުގައި ފިތުނަ ފަސާދަ އުފެދުމަށް މަގުފަހިވާ ޖާހިލީ ސިފަތައް ކަމަށާއި، މުޖުތަމައުގެ އަޝްރާފުން ކުށެއް ކުރުމުން އެ ކުށަށްއަދަބު ނުދެވި، އާދައިގެ މީހަކު ކުށެއް ކުރުމުން އަދަބު ދެވޭ ނަމަ، އެއީ ޖާހިލިއްޔަތުގެ ސިފައެއް ކަމަށެވެ.
އެހެންކަމުން މިފަދަ ސިފަތަކުން ދުރުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.