ކ. މާލެ
|
26 ޖޫން 2020 | ހުކުރު 13:30
ޓްރީޓޮޕް ހޮސްޕިޓަލް- މި ހޮސްޕިޓަލު ވަނީ ކޮވިޑް-19 ގެ ފަރުވާތަކަށް ޚާއްސަ ކުރެވިފައި
ޓްރީޓޮޕް ހޮސްޕިޓަލް- މި ހޮސްޕިޓަލު ވަނީ ކޮވިޑް-19 ގެ ފަރުވާތަކަށް ޚާއްސަ ކުރެވިފައި
ރާއްޖެއެމްވީ
ޓްރީޓޮޕް ހޮސްޕިޓަލް
ޖުލައި މަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް އާންމު ހާލަތަކަށް ގެންނަނީ!
ހޮސްޕިޓަލުން ހުރިހާ ހިދުމަތެއް ލިބޭނެ
ހޮސްޕިޓަލް ހުޅުވުމަށް ޙާއްސަ ޑީކޮންޓެމިނޭޝަން އަދި ޕްރިވެންޓޭޓިވް ކްލީނިންގ މަސައްކަތްތަކެއް ވަނީ ކޮށްފައި
ހުރިހާ ކައުންޓަރެއްގައި ވަނީ "ޕްލެކްސީ ގްލާސް" ސްކްރީން ހަރުކުރެވިފައި

ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލް އާންމު ހާލަތައް ގެނައުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މިކަން ހާމަކޮށް ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 01 ޖުލައި 2020 އިން ފެށިގެން އާންމު ޙާލަތަށް ބަދަލުވެ، ކުރިޔެކޭ އެއްފަދައިން ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް ހުޅުވާލެވޭނެ ކަމަށެވެ. އެގޮތުން، ހޮސްޕިޓަލް އަލުން ހުޅުވުމުގެ ކުރިން ޙާއްސަ ޑީކޮންޓެމިނޭޝަން އަދި ޕްރިވެންޓޭޓިވް ކްލީނިންގ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ހޮސްޕިޓަލް ހުޅުވާއިރު ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުވައްޒަފުންގެ ރައްކާތެރިކަން ޔަގީންކުރުމުގެ ގޮތުން ބައިނަލަޤްވާމީ ސަލަމަތީ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ރައްކާތެރިކަމަށްޓަކައި ޑީކޮންޓެމިނޭޝަން އަދި ޕްރިވެންޓޭޓިވް ކްލީނިންގ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން، ހޮސްޕިޓަލަށް ވަނުމުގެ ކުރިން ސްކްރީން ކުރެވި، ޓެންޕަރޭޗަރ ބަލައި، ދަތުރު ކޮށްފައިވޭތޯ ބަލައި އަދި އިތުރު މައުލޫމާތު ސާފު ކުރެވޭނެ ކަމަށާއި ހޮސްޕިޓަލަށް ވަނޑައިގަންނަވާ ހުރިހާ އެންމެންގެ ސަލާމަތައްޓަކައި ހޮސްޕިޓަލުން ފޯރުކޮށްދޭ ސަރޖިކަލް މާސްކް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރީޓޮޕުން ވަނީ ބުނެފައެވެ.

އަދި، އައުޓް-ޕޭޝަންޓް ކޮންސަލްޓޭޝަންތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ކޮވިޑް-19ގެ އަލާމާތްތައް (ހުން އައުން، ރޯގާ، ނުވާލާން އުދަގޫވުން) ހުންނަ ބޭފުޅުން ފްލޫ ކްލިނިކަށް ގެންގޮސް ދެވޭނެ ކަމަށާއި ގައިދުރުކުރުން ހިޔާރު ކުރުމާއި އަދި ހުރިހާ ކައުންޓަރެއްގައި "ޕްލެކްސީ ގްލާސް" ސްކްރީން ހަރުކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލުން ހިދުމަތް ދޭ ގަޑިތައް:

  • އޯ.ޕީ.ޑީ ގަޑިތައް: ހެނދުނު 10:00 އިން ރޭގަނޑު 08:00 (ހުކުރު ދުވަހު ބަންދު)
  • ފްލޫ ކްލިނިކް ގަޑިތައް: ހެނދުނު 10:00 އިން ރޭގަނޑު 08:00 (ހުކުރު ދުވަހު ބަންދު އެހެންނަމަވެސް އީ.އާރުއިން ހިދުމަތް ލިބޭގޮތަށް)
  • ޓެލެމެޑިސިން ކޮންސަލްޓޭޝަންސް: ހެނދުނު 10:00 އިން ރޭގަނޑު 08:00 (ހުކުރު ދުވަހު ބަންދު)
  • އެމަރޖެންސީ ރޫމްގެ ގަޑިތައް: 24 ގަޑިއިރު (އަލުން ހުޅުވާނީ ބުރާސްފަތިވާ ޖުލައި 2، 2020ގެ ހެނދުނު 10:00ގައި)

އިތުރު މައުލޫމާތު ހޯއްދެވުމަށާއި އެޕޮއިންޓްމަންޓް ހެއްދެވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އާއި ގުޅުއްވުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި 24 ގަޑިއިރު އެންބިއުލަންސް ހިދުމަތް ހޯއްދެވުމަށް 1610 ގުޅުމުން އެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލް ހުއްޓުމެއް ނެތި ޑިސްއިންފެކްޓްކޮށް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ހޮސްޕިޓަލުން ވަނީ ދީފައެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިޔަ ދުވަސްވަރު، ސަރުކާރުން ކުރި މަސައްކަތްތަކަށް އެހީތެރިވުމަށް މެއި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ޓްރީޓޮޕް ވަނީ ނެޝަނަލް ކޮވިޑް ޓްރީޓްމަންޓް ސެންޓަރަށް ބަދަލު ކޮށްފައެވެ.

- ކޮމެންޓް