މަތީ ތައުލީމުގެ ލޯނަށް އެދެން ހުޅުވާލި ފުރުސަަތު ގައި ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން 514 ދަރިވަރުންނަށް މަތީ ލޯން ދޫކުރަން ނިންމާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެކަން އިއުލާން ކުރުމަށް ބުރާސްފަތި ދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ކުރިޔަށް ދިޔަ އޮންލައިން ނޫސްކޮންފަރެންސް ގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ލޯނުތައް ދޫކޮށްފައިވަނީ ޑިޕްލޮމާ ކޯސްތަށް ހެދުމަށް 48 ދަރިވަރުންނާއި، ފަސްޓް ޑިގްރީ ހެދުމަށް 264 ދަރިވަރަކަށާއި، މާސްޓާސް ކޯސްތަކަށް 160 ދަރިވަރުންގެ އިތުރުން ޕީއެޗްޑީއަށް ކިޔެވުމަށް 27 ދަރިވަރުންނަށް ކަމަށެވެ.
އަދި އޭގެ އިތުރުން 15 ދަރިވަރަކަށް އެކި ކަހަލަ ލައިސެންސް ޕްރޮގްރާމްތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓްރީން ވަނީ ލޯނުގެ ލިސްޓު އާއްމުކޮށްފައެވެ. ލޯނު ސްކީމް އަށް ހުޅުވާލި ފުރުސަތުގައި 1000ށް ވުރެ ގިނަ ދަރިވަރުން ކުރިމަތިލިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ފަހަރުގެ ލޯނު ސްކީމްގައި ރިޔާއަތް ކޮށްފައިވާނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކޮށްފައިވާ ގައުމީ ޓްރެއިނިން ނީޑް އެނަލިސިސްގެ ލިސްޓުގެ މައްޗަށް ކަމަށާއި، ލިސްޓަކީ މި ވަގުތު ދިވެހިރާއްޖެއަށް މީހުން ބިނާކުރުމަށް ބޭނުންވާ ދާއިރާތައް ކަނޑައަޅާ ފާހަގަކުރުމަށްޓަކައި ފުރިހަމަ ކުރެވިފައިވާ ލިސްޓެއް ކަމަށެވެ.
ހަމަ މިއާއިއެކު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ މި ފަހަރު އަޅުގަނޑުމެން ލޯނު ދިނުމުގައި ސަރުކާރުގެ އެކި އެކި ވުޒާރާތަކުން މީހުން ބިނާކުރުމަށް ބޭނުންވެގެން އެ ވުޒާރާތަކުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފާހަގަކޮށްފައިވާ ދާއިރާތަކަށްވެސް ލޯނު ދިނުމުގެ މި ފަހަރުގެ ސްކީމްގައި ފުރުސަތު ފަހިކޮށްދީފައިވާނެ.ޑރ. އިބްރާހިމް ހަސަން - ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
މާލީ ފުދުންތެރިކަން އެންމެ ދަށް ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސްކީމަށް ބަދަލުތަކެއް ގެނެސްފައިވާނެކަން ޑރ. ހަސަން ފާހަގަކުރެއްވިއެވެ. އަދި ޒަކާތުގެ ލިސްޓަށް ރިޔާއަތްކޮށް އެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް އިސްކަންދީފައިވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.