އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މައްސަލަތައް ވަކިގޮތަކަށް ނުނިމި ލަސްވަމުންދާތީ، ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީއަށް އެ ކޮމިޝަން ހާޒިރުކުރުމަށް ނިންމައިފިއެވެ.
ބުދަ ދުވަހު އޮތް އެސްއޯއީ ކޮމިޓީއަށް އޭސީސީ ހާޒިރުކުރުމަށް ކޮމެޓީގެ މެމްބަރުން ނިންމަވާފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ނުނިންމި ލަސްވަމުންދާތީއެވެ. އެގޮތުން އެމްއޭސީއެލްގެ ސީޕްލޭން ޓަރމިނަލް ވަކި ބަޔަކަށް ނުދީ ހުއްޓުވާފައި އޮތް މައްސަލައާއި މޯލްޑިވްސް ގޭސްގެ މައްސަލައެއްގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ޕްރޮޖެކްޓެއް ހުއްޓުވާލާފައި އޮތް މައްސަލަ ކޮމެޓީގައި ފާހަގަކޮށްފައިވެއެވެ.
ކޮމެޓީ ބައްދަލުވުމުގައި އޭސީސީ ހާޒިރުކުރުމަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ދީދީއެވެ. އޭނާ ވިދާޅުވީ މޯލްޑިވްސް ގޭސްގެ މައްސަލައަށް ނުވަ މަސް ވެގެން ދިޔައިރު އެސީސީއަށް އެކަމާއި ގުޅޭ ރިޕޯޓެއް ނެރެވިފައި ނުވާކަމަށާއި އަދި މިގޮތަށް މައްސަލަތައް ނިންމުން ލަސްވެގެންދާ ކަމަށްވާނަމަ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.
ހުސެއިން މުހައްމަދު ދީދީގެ މި ހުށަހެޅުއްވުމަށް ކޮމެޓީގެ އެހެން މެމްބަރުންވެސް ތާއީދުކުރެއްވިއެވެ.