ކ. މާލެ
|
24 ޖޫން 2020 | ބުދަ 17:46
ވިލިއަން އާއި ޕެޑްރޯ އެކުގައި: މި ސީޒަން ނިމެންދެން ދެ ކުޅުންތެރިން ޗެލްސީގައި މަޑުކުރާނެ
ވިލިއަން އާއި ޕެޑްރޯ އެކުގައި: މި ސީޒަން ނިމެންދެން ދެ ކުޅުންތެރިން ޗެލްސީގައި މަޑުކުރާނެ
ގެޓީ އިމޭޖަސް
ވިލިއަން އާއި ޕެޑްރޯ ޗެލްސީގައި މަޑުކުރުން
ސީޒަން ނިމެންދެން ޗެލްސީގައި މަޑުކުރަން ވިލިއަން އާއި ޕެޑްރޯ އެއްބަސްވެއްޖެ
ޗެލްސީއާއެކު ވިލިއަން އާއި ޕެޑްރޯ ކުރިން ހަދާފައިވާ އެއްބަސްވުން މި މަހު ހަމަވާނެ
ޗެލްސީން ވަނީ އަންނަ ސީޒަނަށް ޓިމޯ ވާނާ އާއި ހަކީމް ޒިޔެކްގެ ސޮއި ހޯދާފައި

ޗެލްސީ އާއެކު ބްރެޒިލްގެ މިޑްފީލްޑަރު ވިލިއަން އާއި ސްޕެއިންގެ ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް ހަދާފައިވާ އެއްބަސްވުންތައް ވަގުތީ ގޮތުން އާކޮށްފިއެވެ.

ޗެލްސީއާއެކު އުމުރުން 31 އަހަރުގެ ވިލިއަން އާއި އުމުރުން 32 އަހަރުގެ ޕެޑްރޯ ހަދާފައިވާ އެއްބަސްވުން މި މަހު ހަމަވާނެއެވެ. އެކަމަކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސީޒަން ދިގުލައިގެންދާތީވެ، ވިލިއަން އާއި ޕެޑްރޯ ވަނީ މި ސީޒަން ނިމެންދެން ޗެލްސީގައި މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ.

އެހެންކަމުން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ދެ ކުޅުންތެރިން ކުޅޭނެއެވެ.

މި ސީޒަން ނިމުމުން ވިލިއަން އާއި ޕެޑްރޯ ޗެލްސީ ދޫކޮށްލާއިރު، އަންނަ ސީޒަނަށް ޗެލްސީން ވަނީ އައު ދެ ކުޅުންތެރިން ހޯދާފައެވެ. އަންނަ ސީޒަނަށް ޗެލްސީން ސޮއި ހޯދާފައިވާ ދެ ކުޅުންތެރިންނަކީ އާރުބީ ލެއިޕްޒީގަށް ކުޅެމުން އަންނަ ޖަރުމަންގެ ފޯވާޑް ޓިމޯ ވާނާ އާއި އަޔަކްސްއަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެކްއެވެ.

ވިލިއަން ޗެލްސީ ދޫކޮށްލާއިރު، ކުރިއަށް އޮތް ޓްރާންސްފާގައި ވިލިއަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ޓޮޓެންހަމް ހޮޓްސްޕާ، މެންޗެސްޓާ ޔުނައިޓެޑް، އާސެނަލް، ބާސެލޯނާ އަދި ޔުވެންޓަސް އިންނެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އިން ކެރިއަރު ފެށި ވިލިއަން ޗެލްސީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 330 މެޗުގައި 59 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޗެލްސީއަށް ބަދަލުވި ޕެޑްރޯ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 201 މެޗުގައި 43 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް