ކ. މާލެ
|
24 ޖޫން 2020 | ބުދަ 12:11
ޓޮޓެންހަމާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 2-0 ން
ޓޮޓެންހަމާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓޮޓެންހަމް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ވެސްޓް ހޭމް އަތުން ޓޮޓެންހަމަށް މުހިންމު މޮޅެއް
ވެސްޓް ހޭމް އަތުން ޓޮޓެންހަމް މޮޅުވީ 2-0 ން
މި މޮޅާއެކު ޓޮޓެންހަމް ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ޓޮޓެންހަމް ހޮޓްސްޕާ މުހިންމު މޮޅެއް ހޯދައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ޓޮޓެންހަމްގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ސޮން ހެއުން-މިންގެ ލަނޑުން ޓޮޓެންހަމުން ލީޑު ނެގި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.

މެޗުގައި ޓޮޓެންހަމުން ލީޑު ނެގީ 64 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ވެސްޓް ހޭމްގެ ތޯމަސް ސޯޝެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ސޮންގެ އެހީއާއެކު ޓޮޓެންހަމަށް ލީޑު ފުޅާކޮށްދިނީ ފޯވާޑް ހެރީ ކޭންއެވެ.

މި މެޗަކީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ޓޮޓެންހަމް މޮޅުވި ފުރަތަމަ މެޗެވެ. ޓޮޓެންހަމް އަންގާރަ ދުވަހުގެރޭ ހޯދި މޮޅާއެކު އެ ޓީމު ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެއީ 31 މެޗުން 45 ޕޮއިންޓު ހަމަކޮށްގެންނެވެ. ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަވަނައިގައި އޮތް ވުލްވްސްއަށް 30 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ޗެލްސީއަށް ވަނީ 30 މެޗުން 51 ޕޮއިންޓު ލިބިފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ލީގުގެ ތިންވަނައިގައި އޮތް ލެސްޓާ ސިޓީ ކުޅުނު މެޗުން ވަނީ ލަނޑެއް ނުޖެހި ބްރައިޓަންއާ އެއްވަރުވެފައެވެ. މި ނަތީޖާއާއެކު ލެސްޓާ ތާވަލުގެ ތިންވަނައިގައި އޮތީ 31 މެޗުން 55 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް