އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގައި މޮބައިލް ލެބޯރެޓަރީގެ ހިދުމަތް ދިނުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު، ރައްޔިތުން މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ. އެހެންނަމަވެސް، ކޮވިޑް-19 ބަލިމަޑުކަމާއި ކުރިމަތިލާންޖެހުނީ ރަނގަޅު ނަތީޖާތަކަކާއި ކާމިޔާބީތަކެއް ހޯދުމުގެ މަރުހަލާގައި ތިއްބާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރ ވަނީ، ރާއްޖޭގެ ސިއްހީ ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި މިނިސްޓްރީން ކުރަމުންދިޔަ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، އަތޮޅުތެރޭގައި ބަލި ދެނެގަތުމަށްޓަކައި ކޮންމެ ރަށެއްގައި ލެބޯޓްރީ ގާއިމުކޮށް ޚިދުމަތްދިނުން ޚަރަދުބޮޑުވުމުން، މޯބައިލް ލެބޯޓްރީގެ ނިޒާމެއް ތައާރަފް ކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަމީން ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމާއި ކުރިމަތިލާން ޖެހުމުގެ ކުރިން މޯބައިލް ލެބޯޓްރީގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމުމަށް އަމާޒު ހުރީ ޖުލައި މަހަށް ކަމަށެވެ.
މިއަހަރު އަޅުގަނޑުމެންނަށް ކޮވިޑުގެ ކަންކަން ކުރިމަތިވިއިރު އަޅުގަނޑުމެން އަމާޒުހިފާފައި އޮތީ މިއަހަރުގެ ޖުލައި މަހާ ހިސާބަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރަށުގައި ހުރެގެން އޭނަ ބޭނުންވާ އަސާސީ ޓެސްޓު ހެދޭނެ ނިޒާމު، އެގޮތުން އަޅުގަނޑުމެން މޯބައިލް ލެބޯޓްރީގެ ނިޒާމު ތައާރަފްކުރީ. އަދި އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މިކަން ހަގީގަތަކަށް ވާނެ ކަމަށް. ވެފައި އޮއްވާ ކޮވިޑު ދިމާވިނަމަ ވަރަށް ބޮޑަށް ފަސޭހަވީސް.ހެލްތު މިނިސްޓަރު އަބްދުﷲ އަމީން
މީގެއިތުރުން، އެމްބިއުލަންސްގެ ޚިދުމަތަށް ލުއި ފަސޭހަކަމެއް ހޯދުމަށް ނެޝަނަލް އެމްބިއުލަންސް ނިޒާމެއް ގާއިމުކުރެވި ބޭނުންވާ ވަރަށް އެމްބިއުލަންސް ހޯދުމުގެ މަސައްކަތް ކުރަން ފެށުނު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް، ބަޖެޓުގެ ދަތިކަމާއި ދިމާވި އެހެން ގޮންޖެހުންތަކާއި ގުޅިގެން އެ އަމާޒަށް އެ މަސައްކަތް ނުނިންމުނީ ކަމަށް ވިދާޅުވިއެވެ.