ކޮވިޑް-19ގެ ދެވަނަ ވޭވެއް ބެއިޖިންގއިން ފެނުމާއެކު އެސިޓީގައި ދިރިއުޅޭ މުޅި އާބާދީ ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހަލުވި ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ސީނިއަރ މުނިސިޕަލް ހެލްތު އޮފިޝަލަކު ބުނެފިއެވެ.
ބެއިޖިންގއިން އަލަށް ކޭސްތައް ފަށާފައިވަނީ މީގެ ދެ ހަފުތާ ކުރިންނެވެ. އެއާއެކު 20 މިލިއަން މީހުން ދިރިއުޅެމުންދާ ބެއިޖިންގގެ މުޅި އާބާދީ ވަނީ ކޮވިޑް-19އަށް ޓެސްޓް ކުރަން ފަށާފައެވެ. އެއީ ދެ މަސް ދުވަހަށް ފަހު ޖޫން މަހުގެ 11 ވަނަ ދުވަހު ބެއިޖިންގ ގެ ޒިންފަޑި މަރކޭޓުން ވައިރަސް ޖެހިފައިވާ މީހުން ފެންނަން ފެށުމާއެކުއެވެ.
ފާއިތުވި 12 ދުވަހު ބެއިޖިންގއިން 249 މީހަކު ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. ބެއިޖިންގ ގައި މިހާރު ދުވާލަކު 300،000 ޓެސްޓް ކުރެވެއެވެ. ބެއިޖިންގގެ މުނިސިޕަލް ހެލްތު ކޮމިޝަންގެ ޑެޕިޔުޓީ ޑިރެކްޓަރ ޒެންގް ހުއާ ވިދާޅުވީ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހާ ހަމައަށް 2.95 މިލިއަން ސާމްޕަލް ނަގާފައިވާކަމަށެވެ. އަދި ޓެސްޓް ކުރުމާއި ސްކްރީން ކުރުމުގެ ކަންކަމުގައި ބޮޑަށް އިސްކަންދީފައިވަނީ ވައިރަހަށް ހުށަހެޅިފައިވާ ކަމަށް ގަބޫލުކުރެވޭ ފަރާތްތަކަށް ކަމަށް ޒެންގް ވިދާޅުވިއެވެ.
ޓެސްޓް ކުރުމަށް ހަމަޖެހިފައިވަނީ މީހުން ކުރަމުންދާ މަސައްކަތާއި އުޅޭ ތަނަށް ބެލުމަށްފަހު ވަކިވަކި ބެޗް ތަކަކަށް ބަހާލައިގެންކަމަށް ޒެންގް ވިދާޅުވިއެވެ. އެގޮތުން މާރުކޭޓްގައި މަސައްކަތް ކުރަމުންދިޔަ މީހުންނާއި އެ ސަރަހައްދާ ކައިރީގައި ދިރިއުޅެމުންދާ މީހުންނަށް ޚާއްސަ އިސްކަމެއް ދީގެން ޓެސްޓް ތައް ކުރަމުންދާ ކަމަށް ޒެންގް ވިދާޅުވިއެވެ.
ބެއިޖިންގގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ފަށާފައިވާއިރު ލެބޯޓްރީގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ހޫބޭ އަދި ލިއަނިންގއިން 200 މީހުން ވަނީ ބެއިޖިންގގެ ލެބޯޓްރީތަކުގައި މަސައްކަތްކުރުމަށް ގެނެސްފައެވެ. މީގެ ކުރިން ޗައިނާ ސަރުކާރުން ވަނީ ވޫހާންގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ހިންގާފައެވެ.