ބަރުލަމާނީ ނިޒާމް ގެންނަނަމަ އެންމެ ފުރަތަމަވެސް އަހަން ޖެހޭނީ ރައްޔިތުން ގާތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި، ބަރުލަމާނީ ނިޒާމު ގެނައުމާއި ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ރައީސް ސޯލިހު ވިދާޅުވީ، މި ދަނޑިވަޅުގައި ބަރުލަމާނީ ނިޒާމުގެ ވާހަކަ ދެއްކުމަކީ އެއީ އެއްވެސް ގޮތަކަށް އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
މި ސަރުކާރަކީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން އައި ސަރުކާރެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ، ހުރިހާ ވަގުތެއް ހުސްކުރަން ބޭނުންފުޅުވެ ވަޑައިގަންނަވަނީ ވައުދުތައް ފުއްދުމުގައި ކަަމަށެވެ.
އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރައީސް ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.
ދެންވެސް އެއްވެސް ޒަމާނެއްގައި އެއްވެސް އިރެއްގައި ނިޒާމާ ބެހޭ ގޮތުން ގޮތެއް ނިންމާނަމަ ފުރަތަމަ އަހަން ޖެހެނީ ރައްޔިތުންގެ ކައިރީ. ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ގާނޫނު އަސާސީގައި ބަދަލެއް ގެންނަންޏާ ގެންނަން ވާނީ.އިބްރާހިމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓެއްލެވުނެވެ. އެ ވޯޓުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ.
ބަރުލަމާނީ ނިޒާމު ގެނައުމުގެ ވާހަކަތަކުގެ އަޑުތައް ގަދަވެފައިމިވަނީ ވެރިކަން ކުރަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދަވާތީއެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ސޯލިހު ނިންމަވައިފިނަމަ ބަރުލަމާނީ ނިޒާމެއް ގެންނަން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެއެވެ. އަދި މަޖިލީހުގެ ތެރޭގައި ބައެއް މެމްބަރުންވެސް ދަނީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ބާރުލިބޭ ގޮތަށް ވާހަކަ ދައްކަވަމުންނެވެ.