ކުޅުދުއްފުށީ ސިޓީގައި އަންނަ ހަފްތާ ތެރޭގައި ކޮވިޑް-19ށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ށް ޝައްކުވެގެން ފުރަތަމަ ނެގި ހަތް މީހުންގެ ސާންޕަލް ވެސް ޓެސްޓު ކުރުމަށް ފޮނުވީ ރާއްޖެއިން ބޭރަށް ކަމަށެވެ. ނަމަވެސް ކުރެވުނު ގިނަ މަސައްކަތްތަކުން ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާރު ކޮވިޑް-19ށް ރާއްޖޭގައި ދުވާލަކު 1000 ށްވުރެ ގިނަ ޓެސްޓު ހެދޭ ކަމަށާއި، އައްޑޫގައި މިމަހުގެ 21 ވަނަ ދުވަހު ވަނީ ޕީސީއާރް ޓެސްޓު ހަދަން ފަށާފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީގައި ވެސް އަންނަ ހަފްތާގެ ތެރޭގައި ކޮވިޑްއަށް ޓެސްޓު ކުރަން ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ކިތަންމެ ގޮން ޖެހުންތަކެއް އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހުނު އެހެން ނަމަވެސް މާތްﷲގެ އިރާދައާއެކު އެތައް ބަޔެއްގެ ބުރަ މަސައްކަތުން މިއަދު އަޅުގަނޑުމެންނަށް ވަނީ މިބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ވަރަށް ފަރުވާދޭ ވަރަށް ތައްޔާރުވެވިފައި.ރައީސް ސޯލިހު
ކުޅުދުއްފުށީގައި ކޮވިޑް-19ށް ޓެސްޓު ކުރެވޭނެ އިންތިޒާމް އަންނަ ހަފްތާ ތެރޭގައި ހަމަޖެހިގެންދާނެކަން ރައީސް ސޯލިހު ފާހަގަކުރައްވާފައިވާއިރު، އައްޑޫ ސިޓީގައި ދުވާލެއްގެ މައްޗަށް 100 ޓެސްޓު ހެދޭނެ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އައްޑޫ ސިޓީއަކީ މާލެ ސިޓީ ފިޔަވަ ރާއްޖޭގައި ކޮވިޑަށް ޓެސްޓު ކުރެވޭ ފުރަތަމަ ސިޓީއެވެ. މާލޭގައި ކޮވިޑް-19ށް ޓެސްޓު ކުރަމުންދަނީ އައިޖީއެމްއެޗްގެ ނެޝަނަލް ރިފަރެންސް ލެބޯރަޓަރީގަ އާއި އޭޑީކޭގެ އިތުރުން ފުލުހުންގެ ލެބޯރަޓަރީގައެވެ.
ކޮވިޑް-19 އަށް ދެ ބާވަތެއްގެ ޓެސްޓެއް ހަދާއިރު، ފުރަތަމަ ހަދާ ޓެސްޓަކީ ސްކްރީނިން ޓެސްޓެވެ. ސްކްރީނިން ޓެސްޓަކީ ވަރަށް އަވަހަށް ނަތީޖާ ލިބޭ ޓެސްޓެކެވެ. އެ ޓެސްޓުން ބަލަނީ ކޮވިޑް-19 ހުރިތޯ ނުވަތަ ނޫންތޯ އެވެ. ސްކްރީނިން ޓެސްޓަކީ އެންމެ އިތުބާރު އޮންނަ އެއް ޓެސްޓެވެ. އެކަމަކު އެ ޓެސްޓުގެ ނަތީޖާވެސް ޕޮޒިޓިވްވެއްޖެނަމަ ޖެނެޓިކް ޓެސްޓެއް އިތުރަށް ހަދައެވެ. މި ޓެސްޓު ކުރެވިގެންދަނީ ވައިރަސްގެ އާރްއެންއޭ ނުވަތަ ޑީއެންއޭ ހުރިތޯ ބަލާށެވެ.