ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 18:24
ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރާއި ހައްޖާއި އަދި އުމްރާ އާ ބެހޭ މިނިސްޓަރ ނޫސްވެރިންގެ ބައްދަލުވުމުގައި
ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރާއި ހައްޖާއި އަދި އުމްރާ އާ ބެހޭ މިނިސްޓަރ ނޫސްވެރިންގެ ބައްދަލުވުމުގައި
ސައުދީގެޒެޓް
މިއަހަރުގެ ހައްޖުގެ އަޅުކަން
ހައްޖުގެ އަޅުކަމަށް ޚާއްސަކޮށް ސައުދީން ސިއްހީގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމައިފި
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ އަދަދު 10،000 ށް ވުރެ އިތުރުނުވާނެ
ހައްޖުގެ އަޅުކަން އަދާކުރެވޭނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް
ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕްލޭނެއް އެކުލަވާލާފައިވާކަމަށް ހައްޖު އަދި އުމްރާ މިނިސްޓްރީން ބުނޭ

ކޮވިޑް-19 ގެ ސަބަބުން ސައުދީ އަރަބިއްޔާއިން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ހަމައެކަނި އެގައުމުގެ ރައްޔިތުންނަށް ހުޅުވާލާފައިވާއިރު ސިއްހީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ޑރ ތައުފީގް އަލް ރާބިއާ ވިދާޅުވެއްޖެ އެވެ.

ސައުދީގެ ހައްޖު އަދި އުމްރާގެ މިނިސްޓަރ ޑރ މުހައްމަދު ސަލެހް ބިންތެން އާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައްޖާގުޅޭ މިނިސްޓަރ ވިދާޅުވެފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ މީހުންގެ އަދަދު 10،000 ށް ވުރެ އިތުރުނުވާނެ ކަމަށެވެ. އަދި ސައުދީ ނޫން އެހެން ގައުމެއްގެ ރަސްކަމުގެ ދަރުބާރުގެ މީހަކަށްވެސް މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭނެ އެވެ.

ހެލްތު މިނިސްޓަރ ޑރ އަލް ރާބިއާ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރެވޭނީ އުމުރުން 65 އަހަރުން ދަށުގެ ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންނުދާ މީހަކަށް ކަމަށެވެ.

ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް 2.5 މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ދެއެވެ. ނަމަވެސް ކޮވިޑް-19 ފެތުރެމުންދާތީ މިއަހަރު ސައުދީން މިވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ. އަދި ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕްލޭނެއް އެކުލަވާލާފައިވާކަމަށް ހައްޖު އަދި އުމްރާ މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ހެލްތު މިނިސްޓްރީ އާ ގުޅިގެން އެކުލަވާލާފައިވާ މި ޕްލޭންގައި މައިގަނޑު 8 ކަމެއް ވަނީ ހިމަނާފަ އެވެ.

  1. - 10،000 ށް ވުރެ ގިނަ މީހުންނަށް ހައްޖުގެ އަޅުކަމުގައި ބައިވެރިނުވެވޭނެ
  2. - ހުރިހާ ހައްޖުވެރިންވެސް އަޅުކަން ކުރުމަށް ޚާއްސަކުރެވިފައިވާ ތަންތަނަށް ދިޔުމުގެ ކުރިން ޓެސްޓް ކުރުން
  3. - ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހަކީ އުމުރުން 65 އަހަރުން ދަށުގެ މީހަކަށްވުން
  4. - ހައްޖުގެ އަޅުކަމަށްފަހު ހުރިހާ ހައްޖާޖީންވެސް އަމިއްލައަށް ކަރަންޓީންވާން ޖެހޭނެ
  5. - މަސައްކަތު މީހުންނާއި ވޮލަންޓިއަރުން ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ޓެސްޓް ކުރެވޭނެ
  6. - ހައްޖުވެރިންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ބަލަމުންދާނެ
  7. - އެއްވެސް އެމަރޖެންސީ ހާލަތެއް ދިމާވެއްޖެނަމަ އެކަމަށްޓަކައި ވަކިން ހޮސްޕިޓަލެއް ތައްޔާރުކުރުން
  8. - އިޖުތިމާޢީ ގައިދުރުކަން ގެންގުޅޭކަން ކަށަވަރު ކުރުން
- ކޮމެންޓް