ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 14:27
މާލޭ އެކުވެނި ދުވާ ޓްރެކު: ތަރައްގީ ކުރުމުގެ މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ
މާލޭ އެކުވެނި ދުވާ ޓްރެކު: ތަރައްގީ ކުރުމުގެ މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ
އިސްމާޢީލް ޝާހް
އެކުވެނި ދުވާ ޓްރެކު މަރާމާތުކުރުން
އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
24 އަހަރަށްފަހު ކުޅިވަރު އެކުވެނި ދުވާ ޓްރެކު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފެށީ ހޯމަ ދުވަހު
ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސީއެސްއާރު މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިން
ތަރައްގީ ކުރުމުގެ މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 24 އަހަރަށްފަހު ކުޅިވަރު އެކުވެނި ދުވާ ޓްރެކު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ޓްރެކު ބޭނުންކުރާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޒަމާނީ ފެންވަރަށް ޓްރެކު ސަރަހައްދު ތަރައްގީ ކުރަނީ ސީއެސްއާރު މަޝްރޫއުގެ ދަށުން އާރުކޭއެލް ކުންފުނިން ކަމަށާއި، އެހެންކަމުން އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލޭ އެކުވެނި ދުވާ ޓްރެކު ގާއިމުކުރީ 1996 ވަނަ އަހަރެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ކުޅިވަރާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ ހޯމަ ދުވަހު ދުވާ ޓްރެކު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއިރު، އަލުން ޓްރެކު އަޅާނީ މިހާރު އޮތް ޓްރެކު ނެގުމަށްފަހު އެތަނުގެ ވެލިގަނޑު އެއް ފޫޓަށް ކޮނެ، އަލުން ވެލިއަޅައި އެއްވަރު ކުރުމަށްފަހު ކަމަށެވެ. އަދި މި މަސައްކަތް 25 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކު އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ.

އަދި އެތަނުގައި ރަސްމީކޮށް ކްރިކެޓް ކުޅޭ ދަނޑުވެސް އޮތުމާއެކު، ޓްރެކުގެ ބޭނުން ދުވުމުގެ އިތުރަށް ކްރިކެޓް ކުޅުމަށާއި ކަސްރަތު ކްލާސްތައް ބާއްވަންވެސް ބޭނުންކުރެއެވެ. ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މާޗު މަހުގެ ތެރޭގައި ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެ ވުޒާރާގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް