ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 13:30
ބްރައިޓަން އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ
ބްރައިޓަން އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ
ގެޓީ އިމޭޖަސް
ގެންޑޫޒީއަށް ފިޔަވަޅު ނޭޅުން
ގެންޑޫޒީއަށް ފިޔަވަޅު ނާޅަން ނިންމައިފި
ގެންޑޫޒީ ވަނީ މޯޕޭއާ ޒުވާބުކޮށް އޭނާގެ ކަރުގައި ހިފާފައި
އެފްއޭއިން ގެންޑޫޒީއަށް ފިޔަވަޅު ނާޅަން ނިންމީ މެޗުގެ ރިޕޯޓުގައި އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ހިމަނާފައިނުވާތީ

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރައިޓަން އަތުން އާސެނަލް ބަލިވި މެޗަށް ފަހު، އާސެނަލްގެ މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުތަކަށް ފިޔަވަޅު ނާޅަން އިނގިރޭސި އެފްއޭއިން ނިންމައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 ންނެވެ. މެޗުގެ ފަހު ވަގުތު ބްރައިޓަން މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ނީލް މޯޕޭއެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯއަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރިއިރު، ލެނޯއަށް އަނިޔާވީ ބޯޅަ ހިފަން އުޅުމުގެ ތެރޭ މޯޕޭގެ ޗެލެންޖަކުން، ފައި ބިންމަތީ އެޅުނު ގޮތަކުންނެވެ.

ލެނޯގެ ކަނާތު ކަކުލަށް އަނިޔާވިއިރު، އޭނާ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނިޔާގެ ސަބަބުން އަށިގަނޑުގައި ބޭލި ވަގުތު ލެނޯ ވަނީ މޯޕޭއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މެޗަށް ފަހު ގެންޑޫޒީ ވަނީ މޯޕޭއާ ޒުވާބުކޮށް އޭނާގެ ކަރުގައި ހިފާފައެވެ. މި މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭއިން އޭނާއަށް ފިޔަވަޅު ނާޅަން ނިންމީ މެޗުގެ ރިޕޯޓުގައި ވެސް އެކަމާ ބެހޭގޮތުން ރެފްރީ އެއްވެސް އެއްޗެއް ހިމަނާފައިނުވާތީވެއެވެ.

މޯޕޭވެސް ވަނީ ހޮނިހިރު ދުވަހުގެރޭގެ މެޗަށް ފަހު ދިން އިންޓަވިއުގައި އާސެނަލް ކުޅުންތެރިންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ވަކި ކުޅުންތެރިއެއްގެ ނަން ނުބުނެ ފާޑުކިއިރު، އޭނާ އިޝާރާތްކުރީ ގެންޑޫޒީއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

2018 ވަނަ އަހަރު އާސެނަލާ ގުޅުނު ގެންޑޫޒީ ފަހަކަށް އައިސް ގިނަ މެޗުތަކެއްގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ނަމަވެސް، އޭނާއާ މެދު ގިނަ ސަޕޯޓަރުންތަކެއް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އާސެނަލް މި ވަގުތު ލީގުގެ 10 ވަނައިގައި އޮތްއިރު، އެންމެ ފަހުން އެ ޓީމުން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. ލީގުގައި އާސެނަލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ސައުތެމްޓަނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް