ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 12:40
ބޮލޯނިއާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 2-0 ން
ބޮލޯނިއާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 2-0 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޔުވެންޓަސްއަށް އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް
ބޮލޯނިއާ އަތުން ޔުވެންޓަސް މޮޅުވީ 2-0 ން
ޔުވެންޓަސް އެއްވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓު ހޯދައިގެން

އިޓާލިއަން ލީގުގައި ބޮލޯނިއާ ބަލިކޮށް ތާވަލުގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މެދުކެނޑުމަށް ފަހު ލީގު އަލުން ފަށައިގެން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ބޮލޯނިއާގެ ދަނޑުގައި ހޯމަ ދުވަހުގުރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 23 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ އިޓާލިއަން ލީގުގައި އެންމެ ގިނަ ގޯލު ޖެހި ޕޯޗުގަލްގެ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑު އޮތީ އަށް އަހަރު ވަންދެން އިޓަލީގެ ކްލަބުތަކަށް ކުޅުނު ރުއީ ކޮސްޓާގެ އަތުގައެވެ. ރުއީ ކޮސްޓާ 1994ން 2006ށް ފިއޮރެންޓީނާ އާއި އޭސީ މިލާން ފަދަ ކްލަބުތަކަށް ކުޅުނުއިރު، އޭނާ ޖަހާފައިވަނީ 42 ލަނޑެވެ. 2018 ވަނަ އަހަރު ޔުވެންޓަސްއަށް ބަދަލުވި ރޮނާލްޑޯ ވަނީ މިހާތަނަށް އިޓާލިއަން ލީގުގައި 43 ލަނޑު ކާމިޔާބުކޮށްފައެވެ.

ހޯމަ ދުވަހުގުރޭގެ މެޗުގައި ރޮނާލްޑޯގެ ލަނޑުން ޔުވެންޓަސްއިން ލީޑު ނެގިއިރު، އެޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފަހު މިނެޓުގައި ޔުވެންޓަސްގެ ޑިފެންޑަރު ޑަނީލޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މި މޮޅާއެކު ޔުވެންޓަސް އެއްވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި 26 މެޗުން 62 ޕޮއިންޓު ހޯދައިގެން އޮތީ ލާޒިއޯއެވެ. އަދި ތިންވަނައިގައި 26 މެޗުން 57 ޕޮއިންޓު ހޯދައިގެން އޮތީ އިންޓަ މިލާނެވެ.

މީގެ އިތުރުން ލީގުގައި ހޯމަ ދުވަހުގެރޭ އޭސީ މިލާން ވަނީ ރަށުން ބޭރުގައި ލެއްޗޭ އަތުން 4-1 އިން މޮޅުވެފައެވެ. އެ ޓީމު އޮތީ 39 ޕޮއިންޓާއެކު ހަތްވަނައިގައެވެ. ލެއްޗޭ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 25 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް