ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 12:17
ސިޓީ އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 5-0 ން
ސިޓީ އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސިޓީ މޮޅުވީ 5-0 ން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ބާންލީ އަތުން ސިޓީއަށް ފަސޭހަ މޮޅެއް
ބާންލީ އަތުން ސިޓީ މޮޅުވީ 5-0 ން
ބާންލީ ސަޕޯޓަރުން ދަނޑުގެ މަތިން ބެނާއެއްގެ އުދުއްސި މައްސަލަ ވަނީ ހޫނުވެފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ބާންލީ އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ 5-0 ންނެވެ.

މި މޮޅާއެކު ސިޓީ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ލިވަޕޫލަށް ވުރެން 20 ޕޮއިންޓު ފަހަތުގައެވެ. ސިޓީއަށް 30 މެޗުން 63 ޕޮއިންޓު ލިބިފައިވާއިރު، އެއްވަނައިގައި އޮތް ލިވަޕޫލަށް 30 މެޗުން ވަނީ 83 ޕޮއިންޓު ލިބިފައެވެ. މިހާރު އޮތްގޮތުން ލިވަޕޫލަށް ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ފަސް ޕޮއިންޓެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 22 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ސިޓީއަށް ލީޑު ނަގައިދިނީ ފިލް ފޯޑެންއެވެ.

އަދި ފުރަތަމަ ހާފުގެ ފަހު ކޮޅު ރިޔާދު މާރޭޒް ވަނީ ސިޓީއަށް ދެ ލަނޑު ޖަހައިދީފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި ފެނާންޑީނިއޯގެ އެހީއާއެކު މާރޭޒް ލީޑު ފުޅާކޮށްދިންއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މާރޭޒް ވަނީ ސިޓީގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ޕެނަލްޓީއަކީ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ކުރި ފައުލަކަށް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ގެ އެހީގައި ރެފުރީ ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގައިވެސް ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ހަވަނަ މިނެޓުގައި ޑެވިޑް ސިލްވާ ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި ސިޓީގެ ފަސްވަނަ ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ފޯޑެންއެވެ.

ބާންލީ ސަޕޯޓަރުން ސިޓީގެ ދަނޑުގެ މަތިން އުދުއްސި ބެނާ

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗު ފެށިގެން ކުޑައިރުކޮޅެއްގެ ތެރޭގައި ބާންލީގެ ސަޕޯޓަރުން ދަނޑު މަތިން ބެނާއެއްގެ އުދުއްސި މައްސަލަ ވަނީ ހޫނުވެފައެވެ. ސަޕޯޓަރުންގެ ބަޔަކު ދަނޑުގެ މަތިން އެއާކްރާފެއްޓެއްގައި ހަރުކޮށްގެން ދުއްވި ބެނާގައި ޖަހާފައިވަނީ "ވައިޓް ލައިވްސް މެޓާ ބާންލީ" މިހެނެވެ.

މި މައްސަލައިގައި ބާންލީން ވަނީ މި ކަމުގައި ބައިވެރިވި ސަޕޯޓަރުން ހޯދައި ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެފައެވެ. އަދި ބާންލީގެ ކެޕްޓަން ބެން މީ ބުނީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި އެފަދަ ކަމެއް ސަޕޯޓަރުންގެ ފަރާތުން ފެނުނީތީ ކުޅުންތެރިން ވެސް ވަރަށް ބޮޑަށް ލަދުގަތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް