ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުން ގެންދިޔުމަށް އެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯމަ ދުވަހު އިތުރު 169 މީހަކު ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ، ހޯމަ ދުވަހު 325 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ. އެއީ އިންޑިއާގެ 169 މީހުންގެ އިތުރުން ނޭޕާލްގެ 156 މީހުންނެވެ. ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާގެ މީހުން ކަނޑުމަގުންނާއި ވައިމަގުން ގެންދިޔުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ފާއިތުވި ތިން ދުވަސް ތެރޭގައި ކަނޑުމަގުން 198 މީހުންނާއި ވައިގެ މަގުން 339 މީހަކު ވަނީ ފުރުވާލާފައެވެ.
ކަނޑުމަގުން އިންޑިއާ އަށް ދާ މީހުން ގެންދަނީ އިންޑިއާގެ އަސްކަރީ މަނަވަރުތަކުގައެވެ. އެ މަނަވަރު ރާއްޖެއިން ދަތުރުކުރަނީ އިންޑިއާގެ ޓުޓިކޮރިންއަށެވެ. މަނަވަރުންދާ ހުރިހާ ފަސެންޖަރުންނަށްވެސް އެމީހުންގެ ސިޓީތަކަށް ދެވޭނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަކޮށްފައެވެ.
ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން 4000އާ ގާތްކުރާ އަދަދަކަށް މީހުން ގައުމަށް ފޮނުވާލާފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. ކޮވިޑުގެ ބިރުވެރިކަން ރާއްޖެއަށް ބޮޑުވެ ރިސޯޓުތައް ބަންދުކުރި ހިސާބުން ފެށިގެން ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންގެ ވަޒީފާތައް ވަނީ ގެއްލިފައެވެ.
އަދި ވަކިން ހާއްސަކޮށް މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބިދޭސީންތަކެއް ދަނީ ގައުމަށް ދާން ބޭނުންވެގެން އެ ގައުމުތަކުގެ ސަރުކާރުން އެދެމުންނެވެ. އެގޮތުން ސްރީލަންކާ, ނޭޕަލް އަދި އިންޑިއާގެ އިތުރުން އެހެނިހެން ގައުމުތައް ހިމެނެއެވެ.