ކޮވިޑް-19ގެ ބިރުވެރިކަން ބޮޑުވުމުގެ ސަބަބުން މި ފަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފިއެވެ.
ސައުދީ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑުގެ ބަލި ހަލުވިކަމާއި އެކު ފެތުރެމުންދާތީވެ ބަލީގެ ނުރައްކަލަށް ބަލައި، ގިނަ މީހުން އެއްވާ ތަންތަނުގައި އެންމެ އެކަށީގެންވާ ވަރަށް ގައިދުރުކަން ބެހެއްޓުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ސައުދީން އެންމެ ބޮޑު އިސްކަމެއް ދެނީ އުމްރާގެ އަޅުކަމާއި ހައްޖުގެ އަޅުކަން ވިހާވެސް ރައްކާތެރިކަމާއި އެކު ހުރިހާ ފަރާތްތަކަށް އަދާކުރެވިގެން ދިޔުން ފާހަގަކުރަމުން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ބަލި ފެތުރެން ފެށުމާއި އެކު އަޅުކަން އަދާކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި އުމްރާގެ އަޅުކަންވެސް މެދުކަނޑާލާފައިވާ ކަމަށެވެ.
ބަލި ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީވެ މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެވޭނީ މަދު އަދަދެއްގެ ބަޔަކާއި އެކު ކަމަށް ނިންމާފައިވާ ކަމަށާއި، ހައްޖު ވެވޭނީ ސައުދީ އަރަބިޔާގައި ތިބި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށް ބަޔާނުގައި ބުންޏެވެ. ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށް ސައުދީ ސަރުކާރުން ބުންޏެވެ.
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން ހައްޖުގެ އަޅުކަމަށްދާ ފަރާތްތަކުން ސައުދީގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކޮންމެ އަހަރަކުވެސް ވަމުންއާދެ އެވެ. ހައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ މުސްލިމުން އަންނައިރު، އޭގެ ސަބަބުން ސައުދީގެ އިގްތިސާދަށް އަހަރަކަށްވުރެ އަހަރެއް ލިބޭ އާމްދަނީ އަންނަނީ ބޮޑުވަމުންނެވެ.
މީގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރުނު ނުރައްކާތެރި ބަލިމަޑުކަން (ހައްޖު)
ބަލިތައް ފެތުރުމަކީ އަބަދުވެސް ހައްޖުގެ ދުވަސްވަރު އަންނަ ކަންބޮޑުވުމެކެވެ.
މީގެ ކުރިން މެލޭރިޔާ ފެތުރިގެން ދިޔަ ދުވަސްވަރު 632 ހައްޖާޖިން ވަނީ މަރުވެފައެވެ. 1821 ވަނަ އަހަރު ކޮލެރާގެ ބަލިމަޑުކަމުގައި ގާތްގަނޑަކަށް 20،000 ހާސް ހައްޖާޖީން މަރުވިއެވެ.