ކ. މާލެ
|
22 ޖޫން 2020 | ހޯމަ 16:19
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ: އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން އަންނަނީ މަސައްކަތް ކުރަމުން
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ: އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން އަންނަނީ މަސައްކަތް ކުރަމުން
ގެޓީ އިމޭޖަސް
މެސީގެ އެއްބަސްވުން އާކުރުން
މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން ބާސާއިން މަސައްކަތް ކުރަނީ
މިހާރު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަންނަ ސީޒަނުގެ ނިޔަލަށް މެސީ ބާސާގައި މަޑުކުރާނެ
ކްލަބު ބަދަލުކުރަން މެސީއަށް ލިބުނު ފުރުސަތު ވަނީ ފަހަނައަޅައި ގޮސްފައި
އިންޓައިން އަންނަނީ މެސީ ހޯދަން މަސައްކަތް ކުރަމުން

ކެޕްޓަން ލިއޮނެލް މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން ބާސެލޯނާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބާސެލޯނާއާއެކު 2017 ވަނަ އަހަރު މެސީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނެއް ނިމުމުންވެސް މެސީއަށް ހިލޭ ޓްރާންސްފާއެއްގެ ދަށުން ކްލަބު ދޫކޮށްލުމުގެ ފުރުސަތު ލިބޭ ނަމަވެސް، ކްލަބު ބަދަލުކުރަން މެސީއަށް ލިބުނު ފުރުސަތު ފަހަނައަޅައި ގޮސްފައިވާތީ، މި ސީޒަނުގައި މެސީ ބާސާ ދޫކޮށްނުލާނެކަން ވަނީ ކަށަވަރުވެފައެވެ.

އަންނަ އަހަރު މެސީގެ އެއްބަސްވުން ހަމަވާނެތީ ބާސާއިން މެސީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން މެސީގެ ބައްޕަ ޖޯޖް މެސީ އާއެކު ބާސާގެ ޖޯސެފް މާރިއާ ބާޓޮމެއޫ މަޝްވަރާކުރި ކަމަށާއި، އިތުރު ދެ އަހަރަށް ބާސާގެ އެއްބަސްވުން އާކުރަން މެސީ އެއްބަސްވެފައިވާ ކަމަށްވެސް ސްޕެއިންގެ މީޑިއާތަކުން ވަނި ރިޕޯޓުކޮށްފައެވެ.

ބާސާގެ އެއްބަސްވުން މެސީ އާކުރާއިރު، އޭނާ ހޯދުމަށް އިންޓަ މިލާނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ސީޒަން ނިމުމުން އިންޓައަށް މެސީ ބަދަލުވާން އުޅޭ ކަމަށް ސްޕެއިންގެ މީޑިއާތަކުން މީގެ ކުރިން ރިޕޯޓުކުރި ނަމަވެސް، އެފަހަރު މެސީ ވަނީ އެކަން ދޮގު ކޮށްފައެވެ. މީގެ ކުރިން ބާސާގެ ކޯޗު ކިކޭ ސެޓިއެން ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށް ބުނެފައެވެ. އަދި މެސީ އާއި ބާސާ އަބަދުވެސް އޮންނާނީ އެކުގައި ކަމަށް ސެޓިއެން ވަނީ ބުނެފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ، ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު މައްސަލަ ޖެހުމުންނެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް