ކ. މާލެ
|
22 ޖޫން 2020 | ހޯމަ 16:23
ޖޮއާން ފްރާންސެސް (ރުބީ): އޭނާ މަގާމުން ވަކިކޮށްފައިވަނީ އާދީއްތަ ދުވަހު
ޖޮއާން ފްރާންސެސް (ރުބީ): އޭނާ މަގާމުން ވަކިކޮށްފައިވަނީ އާދީއްތަ ދުވަހު
ގެޓީ އިމޭޖަސް
ބެޓިސްގެ ކޯޗު ވަކިކުރުން
ބެޓިސްގެ ކޯޗުގެ މަގާމުން ރުބީ ވަކިކޮށްފި
ކޮވިޑް-19ށް ފަހު ބެޓިސްއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފައި
މި ސީޒަންގެ ބާކީ އޮތް ބައިގައި ބެޓިސްއަށް އިރުޝާދުދޭނީ ސްޕޯޓިންގ ޑިރެކްޓަރު

ރެއާލް ބެޓިސްގެ ކޯޗުގެ މަގާމުން ޖޮއާން ފްރާންސެސް (ރުބީ) ވަކިކޮށްފިއެވެ.

ބެޓިސްގެ ކޯޗުގެ މަގާމުން ރުބީ ވަކިކުރިއިރު، ކޮރޯނާވައިރަސް (ކޮވިޑް-19) ށްފަހު ބެޓިސްއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފައެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އަދި ބެޓިސްއިން އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. ސްޕެނިޝް ލީގުގައި ބެޓިސް އޮތީ ތާވަލުގެ 14 ވަނައިގައި 30 މެޗުން 34 ޕޮއިންޓާއެކު އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ބެޓިސްގެ ކޯޗުގެ މަގާމާ ހަވާލުވި ރުބީ، ބެޓިސްގެ ކޯޗުގެ މަގާމުން އާދީއްތަ ދުވަހު ވަކިކުރިކަން އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. ރުބީގެ އިރުޝާދުގެ ދަށުން ބެޓިސްއިން 33 މެޗު ކުޅެފައިވާއިރު، އެޓީމު މޮޅުވެފައިވަނީ އޭގެ ތެރެއިން 10 މެޗުންނެވެ. އަދި 12 މެޗުން ބަލިވިއިރު، އަނެއް 11 މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ބެޓިސްގެ ކޯޗުގެ މަގާމުން އުމުރުން 50 އަހަރުގެ ރުބީ ވަކިކުރުމާއެކު، މި ސީޒަންގެ ބާކީ އޮތް ބައިގައި އެޓީމަށް އިރުޝާދުދޭނީ ސްޕޯޓިންގ ޑިރެކްޓަރު އެލެކްސިސް ޓްރިހީލިއޯއެވެ. މީގެ ކުރިން ބެޓިސްއަށް ކުޅެފައިވާ ޓްރިހީލިއޯ ވަނީ އެ ޓީމަށް 222 މެޗު ކުޅެދީފައެވެ.

ޓްރިހީލިއޯ މީގެ ކުރިންވެސް ވަނީ ވަގުތީ ގޮތުން ބެޓިސްއަށް އިރުޝާދު ދީފައެވެ. އެގޮތުން 2017 ވަނަ އަހަރުގެ މެއި މަހުގެ 9 ން 26ށް އޭނާ ބެޓިސްއަށް އިރުޝާދު ދިންއިރު، ޓްރިހީލިއޯގެ އިރުޝާދުގެ ދަށުން ބެޓިސްއިން ވަނީ ދެ މެޗެއް ކުޅެފައެވެ. އެ ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.

ސްޕެނިޝް ލީގުގައި ބެޓިސްއިން ދެން މެޗެއް ކުޅޭނީ ބުރާސްފަތި ދުވަހުގެރޭއެވެ. އެރޭ ބެޓިސް ނުކުންނާނީ ތާވަލުގެ ފުލުގައި އޮތް އެސްޕަންޔޯލްއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް